ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އ. ތޮއްޑުއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވިއްސާރަ ކުރަމުންދާ އިރު، އިއްޔެ މެންދުރުން ފެށިގެން ރެއާ ހަމައަށް ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންވެސް ބޮޑުވިއެވެ.
މެޓު އޮފީހުން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ މެދުރާއްޖެ ތެރެއަށެވެ.
އެގޮތުން ތޮއްޑޫގައި ހުންނަ ވެދާ ސްޓޭޝަނުން 147.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑްކޮށްފައިވާ އިރު، ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 139.4 މިލިމީޓަރުގެ ވާރޭއެވެ.
މިދިޔަ 24 ގަޑިިއިރު ކުރި ވިއްސާރައިގައި އެންމެ މަދުން ވާރޭ ވެހުނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން އެންމެ މަދުން ވާރޭ ވެހުނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 0.6 މިލިލީޓަރުގެ ވާރޭއެވެ.
މެޓުން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ރިކޯޑުކުރެވިފައިވަނީ ސ. ގަމަށެވެ. އެއީ 2015 ނޮވެމްބަރު 24ގަ އެވެ. އެ ދުވަހު 228 މިލިމީޓަރުގެ ވާރޭ ވެހުނެވެ.