ސްރީލަންކާގެ ރައީސްކަމުން ގޮޓާބަޔާ ރާޖަޕަކްސަ ރަސްމީގޮތުން އިސްތިއުފާ ދެއްވައި އެ އިސްތިއުފާ ގާނޫނު ހަދާ މަޖިލީހުން ގަބޫލުކުރުމަށްފަހު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވަނީ ހުކުރުދުވަހު ވަގުތީގޮތުން ރައީސްކަމާ ހަވާލުވެވަޑައިގެން މަގާމުގެ ހުވާ ކުރައްވައިފައެވެ. ރައީސްކަމާއި ވިކްރަމަސިންހަ ހަވާލުވެވަޑައިގަތުމަކީ ހައްލެއްކަމަށް އަދިނުފެނެއެވެ. އޭނާގެ އިސްތިއުފާއަށްވެސް ރައްޔިތުން ގެންދަނީ ގޮވަމުންނެވެ. އަޑުއުފުލަމުންނެވެ. ވިކްރަމަސިންހާގެ އިސްތިއުފާއަށް އެދި ރައްޔިތުން ގޮވިއަސް ގާނޫނު ހަދާ މަޖިލީހުން އައު ރައީސަކު އައްޔަންކޮށް އައު ސަރުކާރެއް އެކުލަވައިލެވެންދެން ވިކްރަމަސިންހަ މަގާމުގައި ދެމިހުންނަވާނެއެވެ. މިހާރު ގަބޫލުކުރެވޭގޮތުން އެކަމަށް އަދި ހަފުތާއެއްހައި ދުވަސް ހޭދަވާނެއެވެ.
މުޒާހަރާ ކުރަމުންދާ ޖަމާއަތްތަކުގެ މެދުގައި ވިކްރަމަސިންހާއަށް އެއްވެސް ވަރެއްގެ ތާއީދެއް ނެތަސް ގާނޫނު ހަދާ މަޖިލީހުގެ އެންމެ ބޮޑު ބްލޮކް ކަމަށްވާ އެސްްއެލްޕީޕީން ވަނީ އައު ރައީސްކަމަށް ވިކްރަމަސިންހާ ނޮމިނޭޓްކޮށްފައެވެ. އެހެންވީމާ އަންނަ ހަފުތާގައި ގާނޫނު ހަދާ މަޖިލީހުގައި ރައީސަކު ހޮވަން ވޯޓެއް ނަގާއިރު ވިކްރަމަސިންހާއަކީ ވެސް ކެންޑިޑޭޓެކެވެ. ވަގުތީގޮތުން ހުކުރުދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމާ މުޚާތަބުކުރައްވައި ވިކްރަމަސިންހާ ވިދާޅުވީ މިހެންނެވެ. ރައީސްގެ ބާރުތައް ހަނިކޮށް ގާނޫނު ހަދާ މަޖިލިސް ބާރުވެރިކުރުމަށް މަސައްކަތްކުރާނަމެވެ. ގާނޫނުގެ ބާރު ހިންގާނަމެވެ. ގައުމުގައި ހުޅުޖަހައި ވީރާނާކުރަމުންދާ މީހުން މައިތިރިކުރާނަމެވެ. ވިކްރަމަސިންހާގެ ވައުދުތައް ފުއްދޭނެކަމެއް ނޫންކަމެއް އަދި ނޭނގެއެވެ. އޭނާގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރާ ބަޔަކު ނުފެނެއެވެ.
އައު ރައީސަކު ހޮވުމާއި އައު ސަރުކާރެއް ވުޖޫދު ކުރުމުގައި ހުރިހާ ޕާޓީތަކުންވެސް ގައުމީ މަސްލަހަތު އިސްކޮށް އެއްގަލަކަށް އަރައި އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ސްޕީކަރު މަހިންދަ ޔާޕާ އަބޭވަރުދަނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ. ހުރިހާ ޕާޓީތައްވެސް ތަމްސީލުވާގޮތަށް ގައުމީ އެއްބައިވަންތަކަމުގެ އައު ސަރުކާރެއް އުފެއްދުމަށާއި އައު ރައީސަކު އައްޔަންކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލީސް އަންނަ ހަފުތާގެ ހޮނިހިރުދުވަހު އެއްވާނެއެވެ. މިކަމަކީ ބުނެލަން ފަސޭހަ އެކަމަކު ކުރާން އުނދަގޫ މަސައްކަތެކެވެ. ގައުމުގެ މައްސަލަތައް ހައްލުކުރުމާއި ގައުމާއިގެން ކުރިއަށް ދިޔުމުގައި ސިޔާސީ އެންމެހައި ޕާޓީތަކަށް އެއްބަސްވެވޭ ފޯމިއުލާއެއް ނެތެވެ. އެޖެންޑާއެއްވެސް ނެތެވެ. މުޒާހަރާ ކުރަމުންދާ މީހުންވެސް ވަކި މީހަކަށް ނުވަތަ ބަޔަކަށް ތަބާވާތީއެއް ނުފެނެއެވެ.
މިހާތަނަށް އެންމެނަށްވެސް އެއްބަސްވެވުނު ކަމަށް ފެންނަނީ ރާޖަޕަކްސާ އާއިލާ ވެރިކަމާ ދުރުކުރުމަށެވެ. އެކަންވީމާ ދެން ކުރާނެ ކަމެއް އެޖެންޑާއަކު ނެތެވެ. އެންމެހައި ރާޖަޕަކްސާއިންތައް އިސްތިއުފާ ދެއްވައިފިއެވެ. އެންމެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނުނު ކުދިކުދި ރާޖަޕަކްސާއިންނެވެ. އެއަށްފަހު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއެވެ. ދެން އެންމެފަހުން ރައީސް ގޮޓާބަޔާ ރާޖަޕަކްސާއެވެ. އެއްވެސް ރާޖަޕަކްސާޔަކު ނެތި ގައުމު ހިންގާން ފުރުސަތު ލިބުނުއިރު ގާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތީ ރާޖަޕަކްސާއިންގެ ޕާޓީއަށެވެ. އެހެންވީމާ ދެން އަންނަ ރައީސަކާއި ދެން އަންނަ ސަރުކާރަކީ ރާޖަޕަކްސާއިންނާމެދު ހިސާބަކަށް ހަމްދަރުދީވާ ބަޔަކަށް ހެދުމުގެ ވިސްނުން ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ވަރަށް ބޮޑެވެ. ރާޖަޕަކްސާއިންގެ މުޅި ޚާންދާނު ހަވަރަށް ދިނުމާ ދެކޮޅު މެންބަރުން ވަރަށް ގިނައެވެ.
ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ އޮފީހާއި މާލީވުޒާރާޔާއި މިހެންގޮސް ސަރުކާރުގެ މުހިންމު އިމާރާތްތައް ހިފައި އެތަންތަނަށް ވަދެތިބި އާއްމުން ގަބޫލުނުކުރާ ހައްލެއް ސިޔާސީ ޕާޓީތަކަށް ގެނެވިދާނެބާވައެވެ. ނޫނެކެވެ. ނުގެނެވޭނެއެވެ. ސްރީލަންކާއަށް ދިމާވެފައިވަނީ އެއް މައްސަލައެއް ދެ މައްސަލައެއް ނޫނެވެ. މައްސަލަ ފުންޏެކެވެ. އެއީ އިގްތިސާދީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތަކާއި ސިޔާސީ މައްސަލަތަކުގެ ބޮޑު ޓުކުރިއެކެވެ. މިކަންކަން ހައްލުކޮށް ގައުމުގެ މިސްރާބު ސީދާކުރުމުގެ ޒިންމާތަކާއި ހަވާލުކުރެވޭ ބަޔަކީ ރައްޔިތުން އިތުބާރުނުކުރާ އަދި ބަރޯސާވެސް ނުކުރާ ބަޔަކަށް ވެއްޖެނަމަ ގެނެވޭނެ ހައްލެއް ނޯންނާނެއެވެ. ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހާ އެހުންނެވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުރި މީހެއްގެ މިސާލުގައެވެ. ތަފާތެއް ނުފެނެއެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފިނަމަ އަދި ރައީސް އިސްތިއުފާ ދެއްވައިފިނަމަ ދެން ކަންކުރާންވީގޮތް ގާނޫނުއަސާސީގައި ބަޔާންވެ އެނގެން އެބައޮތެވެ. ގޮތް ނިންމާން ތިބީ ސިޔާސީ މީހުންނެވެ. އެމީހުން ނިންމާ ނިންމުން ގަބޫލުކުރަން ރައްޔިތުންގެ ގިނަބަޔަކު ތައްޔާރެއް ނޫނެވެ. ރައްޔިތުން ބޭނުންވާ ހައްލު އެނގޭނީ އައު އިންތިޚާބެއް ބާއްވައިގެންނެވެ. ސްރީލަންކާ މިވަގުތު އެއޮތީ އައު އިންތިޚާބެއް ބޭއްވޭ ހާލަތުގައެއް ނޫނެވެ. އެހެންވީމާ ސިޔާސީ ދެކޮޅުވެރިކަމާއި އަމިއްލަ މަސްލަހަތު އެއްފަރާތްކޮށްފައި މިއީ ސިޔާސީ ޕާޓީތައް އެއްގަލަކަށް އަރާންވީ ވަގުތެވެ. ކިތަންމެ ހިތި ބޭހަކަށްވިޔަސް މިއީ އެބޭސް ބޯން ރައްޔިތުންވެސް ރުހި މައިތިރިވާންވީ ވަގުތެވެ. އެހެންނޫނީ މި ހާލަތުން އަރައިގަނެވޭނެ ގޮތެއް ނުހޯދޭނެއެވެ. މައްސަލަތައް ދާނީ ގިނަވަމުން ގޯސްވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ