ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ ދޭ ޖަލު އަބަދު ތިން މަހަށް ބޮޑުކޮށްފިއެވެ.
ކޯޓުގެ ހުރުމަތް ކަނޑައިގެން ދޭ ޖަލު އަދަބު ބޮޑުވީ، ކޯޓުތަކުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
ކޯޓުތަކާބެހޭ ގާނޫނުގައި ބުނެފައި ވަނީ ޝަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާ ފަދަ އަމަލެއް މީހަކު ހިންގައިފި ނަމަ ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު އެ ކޯޓެއްގެ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުން ކުރިން ދޭ އަދަބަކީ 10,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
މިއަދު އަމަލުކުރަން ފެށި އިސްލާހުގައި ބުނެފައި ވަނީ ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރެވޭނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާގެ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން ނިޔާ އިއްވޭ ކުށަކަށްވާއިރު، އެފަދަ މައްސަލަތަކުގައި މީގެ ކުރިން ވަނީ އެތައް ބަޔަކު ޖަލަށް ލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު