ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ޕީޕީއެމް ރައީސްކަންވެސް ކުރެއްވި މުހައްމަދު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ، އޭނާ އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި އޭނާއާއެކު ހިތަދޫ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ބައެއް މެންބަރުންވެސް އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މީގެ ކުރިންވެސް އެމްޑީޕީގައި މަސައްކަތްކުރި މީހެއް. އަޅުގަނޑަކީ ސިޔާސީ މަސައްކަތްކުރާ މީހެއް. ދެން ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވެން އޮތީ ކޮން މަގަކުންތޯ އަބަދުވެސް އަޅުގަނޑު ބަލާނެ. އެހެންވެ، އެގޮތަށް އަޅުގަނޑަށް ގަބޫލުކުރެވުނީ އެމްޑީޕީއާއެކުގައި މަސައްކަތްކުރަން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ކަމަށް މުހައްމަދު ރަޝީދު އިންތިހާބުވެވަޑައިގަތީ އެމްޑީޕީ ޓިކެޓުގައެވެ. އޭގެ ފަހުން ޕީޕީއެމަށް ސޮއިކުރައްވައި، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

"އެއްވެސް ބަޔަކަށް ފާޑުކިޔުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެމްޑީޕީ މެންބަރުންވެސް އެމްޑީޕީއަށް އެބަހުރި އެބޭފުޅުންނަށް ފެންނަ ކަންކަމުގައި ޝުއޫރުފާޅުކޮށްފައި. އެހެންވީމާ ސިޔާސީ ގޮތުން ދައްކާ ވާހަކަ އެއީ މައްސަލައެއް ކަމަކަށް ނުދެކެން" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތީ ވަޒީފާއެއް ކަށަވަރުވުމުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުހައްމަދު ރަޝީދު ވިދާޅުވީ، އެމްޑީޕީއާ އަލުން ގުޅުނީ އަމިއްލައަށް ކަމަށާއި އެއީ ނުފޫޒެއް އޮވެގެން ކުރިކަމެއް ނޫން ކަމަށެވެ. އަދި އޭނާއާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރު ނޫހާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.