ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީއެއް ދެމެދު ހިންގި މާރަމާރީގައި ވަޅި ހެރުމުން ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ފުރުވާލަން ނިންމާފައިވާ ކަމަށް އޭދަފުށީގައި ހުންނަ ބ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އުނޑޫދޫ ތިބި ދެ ބިދޭސީންގެ ދެމެދު މާރާމާރީގައި ވަޅިންނާއި ތޫނު ނޫން ބައެއް އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
"ވަން" އަށް މައުލޫމާތު ދެެއްވަމުން ބ އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް، މުހައްމަދު ހަމްދޫން މިއަދު ވިދާޅުވީ އެ ބިދޭސީ މީހާ މިއަދުގެ ވަގުތެއްގައި މާލެ ފުރުވާލަން ނިންމާފައިވާ ކަމަށާއި ނަމަވެސް ގަޑިއެއް އަދި ފައިނަލް ނުވާ ކަމަށެވެ. އެ ބިދޭސީ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑޮކްޓަރުން ފުރަތަމަ ރެކޮމެންޑް ކުރީ މަތިން ގެންދަން. ނަމަވެސް މިކޮޅަށް އެހާ ވަރަށް ފްލައިޓް ނާޅާތީ ލޯންޗުގައި މި ގެންދަނީ. އަދި ގަޑިއެއް ދަންނަވާކަށް ނޭނގޭ. ލޯންޗުންވެސް ގެންދެވޭނީ ކަނޑުމަޑު ވަގުތެއްގައި،" ހަމްދޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ބިދޭސީ މީހާގެ ބަނޑަށް ވަޅި ހަރައި ގޮހޮރުގެ ބައެއް ނުކުމެފައި އޮތުމުން އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށާއި ބޮލުގެ ހަތް ތަނަކަށް ޒަހަމް ލިބިފައިވާ ކަމަށެވެ. އަދި އަތުގެ ދެ ތަނެއްގައި ރެނދުލާފައިވާ ކަމަށާއި ނޭފަތަށްވެސް ޒަހަމެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"މިހާރު ހޭ އެބަހުރި. ވާހަކަވެސް ދައްކާ. އެކަމު ސްޓޭބަލެއް ނޫން އަދިވެސް،" ހަމްދޫން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ އުނޑޫދޫގައި މާރަމާރި ހިންގި ދެ ބިދޭސީންނަކީ އެރަށް ހަވާލުކޮށްފައިވާ ކުންފުނީގެ ދެ މުވައްޒަފުންނެވެ. އެ މީހުން މާރާމާރި ހިންގި ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް އެ މާރާމާރީ ހިންގި ދުވަހުގެ ހެނދުނުއްސުރެ ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާކަން އެނގިފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ވަޅި ހެރި އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފައެވެ.