އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާއިން ދަ ގްރާންޑޭ ބަލިކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ވެލެންސިއާއިން ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފައެވެ. ވެލެންސިއާ ހަތަރަކަށް އެރީ، 18 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.

ނަމަވެސް މާދަމާ ކުޅޭ މެޗުތަކުން މޮޅުވެގެން، ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް، ވެލެންސިއާގެ ކުރިއަށް ޖެހިލެވޭނެއެވެ. މިވަގުތު ލީގުގެ ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 17 މެޗުން 23 ޕޮއިންޓް ލިބިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ލީޑު ނެގިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާ ތެރެއިން ހުސްކޮށްލާފައި އެ ޓީމުގެ އިސްމާއިލް އީސާ (މެސީ) އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ތަހާ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ވެލެންސިއާއިން ފުރަތަމަ ހާފުގައި ލީޑު ނެގި ނަމަވެސް ދެވަނަ ހާފުގައި ދަ ގްރާންޑޭއިންވެސް ވަނީ ގޯލު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމަށް ލިބުނު ޕެނަލްޓީން ހޫގޯ ނިކޮލަސް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.

އޭގެ އިތުރުންވެސް ދަ ގްރާންޑޭގެ ނުރައްކާތެރި ތިން ހަމަލާއެއް ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ބޭރުކޮށްލައިފައެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބެވެ.