ދީނީ އިލްމުވެރީން ހައްޔަރުކޮށް ބަންދު ކުރުމަކީ ވަރަށް ބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ރޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ދީނީ އިލްމުވެރިން ކަމަށްވާ އައްޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ތިން ފަހަރެއްގެ މަތީން އިތުރުކޮށްފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިހް ނިޝާން ހިމެނޭހެން ދީނީ އިލްމުވެރިން ހައްޔަރުކޮށް ބަންދު ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އިންސާފު ލިބުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކުރަމުން ދާތީވެސް ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މުހައްމަދު އިސްމާއިލް ވިޔަސް އަދި އެހެން ދިވެހި ރައްޔިތެއް ވިޔަސް، ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށް، އިންސާފު ނުލިބި ލަސްވުމަކީ ވަރަށް ބޮޑު ނާއިންސާފެއް ކަމަށެވެ.
މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ޔޯގާ ހަރަކާތް ކުރިއަށް ގެންދިޔައިރު ހިންގި ހަމަނުޖެހުން ރޭވިކަމުގެ ތުހުމަތުގައި ކާނިވާގެ ކެފާއެއްގައި ސައިބޯން އިންދަވަނިކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. ދެވަނަ ފަހަރަށް ޖެހީ ނުވަ ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
މުހައްމަދު އިސްމާއީލަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ފެއްޓެވި، "އިންޑިއާ އައުޓް" ހަރަކާތް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހަކީވެސް އޭނާއެވެ.
ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ތުހުމަތުކުރާއިރު، ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރުނު ދިދަތަކެއް ކަމަށް ފުލުހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު