އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ސިންގަޕޫރަށް ވަޑައިގެންނެވިކަން އެ ގައުމުން ޔަގީންކޮށްދީފިއެވެ.
އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮތަބަޔާ އެ ގައުމަށް އެތެރެވަފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެމަނިކުފާނު އެގައުމުގެ ހިމާޔަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި އެގައުމަކީ އެއްވެސް ފަރާތަކަާށް ހިމާޔަތްދޭ ގައުމެއް ނޫން ކަމަށެވެ.
ގޮތަބަޔާ ރާއްޖެއިން ފުރާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ.
ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން ގޮތަބަޔާ ރޭ ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރި އެވެ. ރިޕޯޓްތައް އެއިރު ބުނިގޮތުން ގޮތަބަޔާ ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތީ ރޭ 11:25 ގައި ތާވަލުކޮށް އޮތް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުންނެވެ.
ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް އަދިވެސް އެކަމެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.
ގޮތަބަޔާ އަށް ރާއްޖެއިން ހިމާޔަތް ދިން ކަމަށްބުނެ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން ވަނީ އިއްޔެ މުޒާހަރާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު