ސްރީ ލަންކާގެ ރައީސް ގޮތަބަަޔާ ރާޖަޕަކްސަ ރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާ މައްސަލަ ބޮޑުވެފައިވާ އިރު، އެ ކަމާ ގުޅިގެން މި ވަގުތު ދޭނެ ކޮމެންޓެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ލަންކާގެ އިމިގްރޭޝަންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ވަނީ ގޮތަބަޔާ ރާއްޖެ ވަޑައިގެންފައިވާކަން ކަށަވަރުކޮށްދީފައެވެ. ކުޑަ އަސްކަރީ މަތިންދާބޯޓެއްގައި ގޮތަބަޔާ ރޭ މެންދަމު ރާއްޖެ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް މެންދަމުގެ ވަގުތުގައި ވަރަށް ބޮޑަށް ވަރުގަދަވެސް ކުރިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ރައްޔިތުންތަކެއް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމުގައި ސަރުކާރުގެ އިދާރާއެއްގެ ބަހެއް މިހާތަނަށް ލިބިފައިނުވާއިރު ފޮރިން މިނިސްޓްރީގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެ މައްސަލައިގައި ފޮރިން މިނިސްޓްރީން މި ވަގުތު ކޮމެންްޓް ނުކުރާނެ ކަމަށެވެ.

ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއެން އިން ބުނި ގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް އެ ހުއްދަ ހޯއްދެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދުގެ ބަހެއް ހޯދަން ރައީސް ނަޝީދަށް ގުޅާފައިވާ ކަމަށްވެސް ސީއެންއެންގައި ބުނެފައިވެއެވެ. ނަމަވެސް ޖަވާބެއް ދެއްވާފައިނުވާ އިރު، ރައްޔިތުންގެ މަޖިލީހުން މީޑިއާތަކަށް ހާއްސަކޮށްފައިވާ ވަޓްސްއެޕް ގުރޫޕުގައިވެސް އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޖަަވާބެއް ދީފައެއްނުވެއެވެ.

ގޮތަބަޔާ، 73، ރާއްޖެ ވަޑައިގެންފައި މިވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ތިން ދުވަސް ކުރިން އެމަނިކުފާނު އިއުލާން ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް ލަންކާގެ ރައީސް މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުން ގާނޫނު އަސާސީ ހުއްދައެއް ނުދެއެވެ.