ކާރެއް ކޮންޓްރޯލުން ނެއްޓި، ބަހެއްގައި ޖެހި މިމަހުގެ ހަތަރު ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާދެމުންދިޔަ އިތުރު މީހަކު ހާލު ރަނގަޅުވެ، ވޯޑަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހުން މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ވޯޑަށް ބަދަލުކޮށްފައި ވަނީ ފިރިހެނަކާއި އަންހެނެއް ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިވަގުތު ތިބީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި އެ އެކްސިޑެންޓުގައި ޖުމުލަ ހަ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭގެ ތެރެއިން އެކަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. މަރުވެފައިވަނީ ގއ. މާމެންދޫ، ބިލަތްމާގޭ، މަރިޔަމް އަމާނީ ރަޝީދު، 23، އެވެ.
އެ އެކްސިޑެންޓުގައި ކާރުގެ ފަހަތްކޮޅު އެއްކޮށް ފުނޑުފުނޑުވެފައިވާ އިރު، ބަހަށްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ އާއިލާ މީހުންނާއެކު ކާރު ދުއްވަން ނުކުމެ އުޅުމުގެ ތެރޭގައެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނަށް ކަމަށްވެސް އެނގިފައިވެއެވެ.
އެ އެކްސިޑެންޓު ހިނގި ވީޑިއޯއިން ފެންނަނީ ވާރޭ ވެހެމުންދިޔަ ވަގުތެއްގައި، ރަތްކުލައިގެ ކާރެއް ވަރަށް ބާރަށް ދުއްވާފައި އަންނަނިކޮށް ކާރު، ކޮންޓްރޯލުން ނައްޓާލައި، ކަހާލައިގެން އެނބުރެމުން އެނބުރެމުން ގޮސް އެހެން ކާރެއްގައި ޖެހުމަށްފަހު، އެމްޓީސީސީ ބަހެއްގެ ކުރީކޮޅުގައި ޖެހޭތަނެވެ.
ރަތް ކުލައިގެ ކާރު މާފަންނާވީ ކޮޅުން ހެންވޭރާވީ ކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލައިނުންނެވެ. އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކް ބަހެއް ވެސް ދިޔައީ ދަތުރުކުރަމުންނެވެ. އެ ދެ ވެހިކަލް އޮތީ ކުރިމަތިން ދިމާ ނުވާ ގޮތަށް މަގުގެ ދެ ފަޅީގައެވެ.
ކަސްރަތަށް ނުކުމެ އުޅުނު ދެމީހަކުވެސް ކާރު ދުއްވާފައި އައި ލޭނުން ދުވަމުން ދިޔަ މަންޒަރު ފެނެއެވެ. އެ ދެމީހުންގެ ގައިގައިވެސް ކާރު ނުޖެހުނީ ކިރިޔާއެވެ. އެކްސިޑެންޓްވުމުން ވަގުތުން އެ ދެމީހުން އެހީތެރިވާން ދިޔަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު