ޚަބަރު

ރައީސް ސޯލިހު ވެރިކަން ކުރައްވަނީ ރައްޔިތުންގެ އިހުސާސް ދެނެވަޑައިގެން: ޝަރީފު

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަނީ ރައްޔިތުން އިހުސާސް ދެނެވަޑައިގެންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ޓުވީޓަކާ ގުޅިގެން ރާއްޖޭގެ ނޫހަކުން ހަދައިފައި އޮތް ހަބަރަކަށް ރައްދުދެއްވުމުގެ ގޮތުން ކުރެއްޗި ޓުވީޓެއްގައެވެ.

ރައީސް އަބްދުﷲ ޔާމީން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސްރީ ލަންކާ މިހާރު އެއޮތް ހާލަތަށް ރާއްޖެވެސް ދަނީ ކަމަށާއި ސަލާމާތީ ބާރުތަކަށް ރައްޔިތުންގެ ބާރު އެނގެން ޖެހޭ ކަމަށެވެ. އަދި ވެރިކަމުގައި ތިބީ ބޯހަރު ބައެއް ކަމަށާއި އެ މީހުން ވެރިކަމުގެ ސިޔާސަތު ބަދަލު ނުކުރާނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުން ފަގީރުވާނެ ކަމަށެވެ.

ޝަރީފު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ބައެއް ބޭފުޅުންނަށް ހީވަނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަފުޅުލައްޕަވާ އެނދުކޮޅަށް އަރައި ފޮޓޯ ނެގުމަކީ، ރައްޔިތުންގެ ބާރެއް ކަމަށެވެ.

"ބައެއް ބޭފުޅުންނަށް ހީވާކަހަލަ މުލިއާގެއަށް ވަދެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަފުޅުލައްޕަވާ އެނދަށް އަރައި ސެލްފީ ނެގުމަކީ އޭ ރައްޔިތުންގެ ބާރަކީ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަކީ ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް ދެނެވަޑައިގެން ވެރިކަން ކުރަައްވާ ހިކުމަތްތެރި ރައީސެއް" ޝަރީފު ވިދާޅުވިއެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒާރޫރީ ބޭނުންތަކަށް ޖެހިފައެވެ. އެގޮތުން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ގަންނާނެ ފައިސާ އެމީހުންގެ އަތުން ވަނީ ހުސްވެފައެވެ. ލަންކާގެ އިންފްލޭޝަން ވެސް ކުރިން ނުދާހާ މިންވަރަށް މިހާރު ވަނީ މައްޗަށް ގޮސްފައެވެ. އިގުތިސާދީ ހާލަތު ގޯސްވުމުން ތަކެތީގެ އަގަށް އައި ބަދަލާއެކު ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަސްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އާއި ރައީސް ގޮޓާބަޔަ ރާޖްޕަކްސާ ވަނީ އިސްތިއުފާ ދެއްވުމަށް ނިންމަވައިފައެވެ.

އިއްޔެ ސްރީ ލަންކާގައިކުރި މުޒާހަރާގެ ބައިވެރިން ވަނީ ރަނިލްގެ އާއިލީ ގެކޮޅުގައި ރޯކޮށްލައިފައެވެ. އަދި ގޮޓަބަޔަގެ ގެކޮޅަށް ވަދެ އެ ގޭގެ އެނދުމަތީގައި ތިބޭ މަންޒަރު ފެންނަ ސެލްޕީނަގައި އާންމުކޮށްފައެވެ. އަދި އެ ގޭގެ ބަދިގޭގައި ކައްކައި ސުވިމިން ޕޫލް ބޭނުންކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ވައިރަލްވެފައެވެ.