ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދީބާނާޒް ފަހުމީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައިވާތީއެވެ.

ޖޭއެސްސީން މިމަހުގެ ހަތް ވަނަ ދުވަހުކުރި އިއުލާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 48،000 ރުފިޔާ ލިބެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ގާޒީ ދީބާނާޒް އައްޔަންކުރަން ނިންމީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު މަގާމުން ވަކި ކުރެއްވުމާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިސްތިއުފާ ދެއްވުމުންނެވެ. ދީބާނާޒްގެ އިތުރުން ހައިކޯޓަށް ދެން އައްޔަން ކުރަން ނިންމާފައިވަނީ މުހައްމަދު ސަލީމެވެ.