އީދު ދުވަހަކީ އާއްމުގޮތެއްގައި އަންހެނުންނަށް ބުރަ ދުވަހެކެވެ. އެއީ އީދު ސައި ތައްޔާރުކުރުމާއި އީދުގެ އެންމެ ހާއްސަ ކެއުންކަމުގައިވާ މެންދުރުގެ ކެއުން ކެއްކުމަށް ހޭބޯނާރައި އުޅެން ޖެހޭތީއެވެ. ނަމަވެސް ކޮޅުމަޑުލު މަޑިފުށިން މި އީދުގައި ފެނުނީ ތަފާތު މަންޒަރެކެވެ. އެ ރަށުގެ އަންހެންވެރީންނަށް މިއަދަކީ "ރެސްޓް" ދުވަހެވެ. މިއަދުގެ މެންދުރުގެ ކެއުން ތައްޔާރުކުރަން ނުކުތީ އެރަށުގެ ފިރިހެންވެރިންނެވެ.
މަޑުފުށީ ފިރިހެންވެރީން ކައްކަން ނުުކުތީ، އަންހެންވެރިންނަށް ކޭމެއް ދޭނެ ކަމަށް ބުނެ މިދިޔަ ކުޑަ އީދުގައި ވައުދުވެފައިވާތީއެވެ. އެހެންވެ، އީދު ނަމާދުން އައިސް އުލްހިޔާ ކަތިލުމާހަމައިން ކެއްކުމުގެ މަސައްކަތް ފިރިހެންވެރިން ފަށައިގަތެވެ. ކެއްކުމަށް ފަސޭހަކުރުމުގެ ގޮތުން ބޭނުންވާ ބައެއް ތަކެތި ހުރީ ރޭގެ ވަގުތެއްގައި ކޮށާފައެވެ.
މަޑިފުށީގެ ދެކުނު ފަރާތު އަތިރިމަތީގައި ކެއްކުމުގެ ކަންކަން ފިރިހެންވެރީން ފަށައިގެން ކުރިއަށްގެންދިޔައީ ވަރަށް ޖޯޝާއެކުގައެވެ. ރޭ ނުކޮށި ހުރި
ފިޔައާއި އަލުތްވާއި ކެރެޓާއި ކެބެޖު ކޮށާލީ ފަރިތަކަމާއެކުގައެވެ. ބޮޑެތި ތާސްތައް އުނދުން މައްޗަށް އަރުވައި، ކެއްކުމަށް ފޫގަޅާލިއެވެ. ތިން ހަތަރު ތާހެއްގައި އުލްހިޔާގެ ގޮތުގައި ކަތިލި މަސްތަކާއި ބައެއް ވިޔަފާރިވެރިން ދިން މަހުގެ ބާވަތްތައް ކެއްކުމަށް އުދިއެވެ. ދެތިން ވައްތަރެއްގެ ބަތް ކެއްކިއެވެ. ފާޑުފާޑުގެ ސެލެޑާއި ފޮނިތަކެތި ހެދިއެވެ. މި ހުރިހާ ކަމެއްގައިވެސް އުޅުނީ ފިރިހެނުންނެވެ.
"ހެނދުނު 9:00 ޖަހާކަންހާއިރު އަޅުގަނޑުމެން މަސައްކަތް މި ފެށީ، ގާތްގަނޑަކަށް މެންދުރު 12:00 ޖަހާކަންހާއިރު ކައްކައި ނިންމާލައިފިން. ދެން ކެއްކި ތަކެތި އަތުރައި ކޭމަށް ރެޑީކުރީ 1:30 އަށް" މަޑިފުށީ ކައުންސިލްގެ ރައީސް އަހުމަދު ނަޝީތު ވިދާޅުވިއެވެ.
މަޑިފުށީ "ބޮޑު ކޭން" ތައްޔާރުކޮށް ނިމުމުން، އަންހެންވެރީންނަށް ވަނީ ކެއުމަށް އިންސާފުކުރަން ދައުވަތު ދީފައެވެ. އަންހެންވެރިން ކެއުމަށް އިންސާފުކުރަން އައިއިރު، ދެ ފަރާތުގައި އެމީހުންގެ އިސްތިގުބާލުގައި ކޭން ތައްޔާރުކުރި ފިރިހެންވެރިން ތިއްބެވެ. އަންހެންވެރިން ކޭމަށް އިންސާފުކުރަމުން ދިޔައިރު، ތަށިތައް ނެގުމާއި ހުސްވާ އެއްޗެހި ސުފުރާމައްޗަށް އެރުވުން ފަދަ ކަންކަމުގައިވެސް ހަރަކާތްތެރިވީ ފިރިހެނުންނެވެ.
"އަންހެންވެރިން ތިބީ ވަރަށް ހިތްހަމަ ޖެހިފައި، އެންމެންވެސް ބުނީ ވަރަށް މީރޭ. ހުރިހާ އެއްޗެއްގެވެސް ރަހަ ރަނގަޅުކަމަށް އަންގަނީ. އަދި އެއީ އެހާ އަވަހަށް ކައްކައި ނިންމާލީމާ އަންހެންވެރިން މިކަން ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަނޭ." ނަޝީތު ވިދާޅުވިއެވެ.
އީދު ކެއުން އިންތިޒާމު ކުރި މަޑިފުށީ އީދު ކޮމިޓީގެ މެންބަރެއް ކަމަށްވާ އަލީ ހަސީން ވިދާޅުވި ގޮތުގައި، ކެއުން ތައްޔާރުކުރުމުގައި އެއްވެސް އަންހެނެއްގެ އެއްވެސް އެހީތެރިކަމެއް އަދި އެއްވެސް ރެސެޕީއެއްގެ އެހީއެއް ހޯދައިފައެއް ނުވެއެވެ. އަދި ކެއުން ތައްޔާރުކުރީ ފިރިހެނުންނަށް ފެންނަ ގޮތަށް ކަމަށާއި އެއީ ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމަށެވެ.
"މިއީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް. ބައެއް ކަންކަމުގައި އުނދަގޫވިޔަސް ރަހައަކަށް ބަދަލެއް އައިސްފައެއް ނުވޭ." ހަސީން ވިދާޅުވިއެވެ.
ފިރިހެންވެރިން ކެއްކި ކެއުމަށް އިންސާފުކުރި، މަޑިފުށީ ކައުންސިލް މެންބަރެއް ކަމަށްވާ ހައްވާ ނަޒުލާ ވިދާޅުވި ގޮތުގައި ފިރިހެންވެރިން ކައްކާފައިވަނީ ހީކުރިވަރަށްވެސް މޮޅަށެވެ. އަދި ކެއްކުމަށް އިރުޝާދެއް ދިނަސް އެކަން ފިރިހެންވެރިން ގަބޫލުނުކުރާ ކަމަށާއި މިއަދުގެ ކޭމުން ހާމަވެގެން ގޮސްފައިވަނީ ފިރިހެނުންނަކީވެސް ކެއްކުމަށް މޮޅުބައެއްކަން ކަމުގައި ނަޒުލާ ފާހަގަކުރިއެވެ.
މަޑިފުށީ ކައުންސިލްގެ ހަރަދުގައި އެރަށުގައި އީދު ކެއުމެއް ފިރިހެނުން ތައްޔާރުކުރިއިރު، މިއީ މަޑިފުށީ ފިރިހެންވެރިން ދެއްކި ނަމޫނާއެކެވެ. އަދި މިކަމަކީ، ރަށުގެ ރައްޔިތުންގެ އުހުވަންތަކަމާއި އެއްބައިވަންތަކަން އާލާވި ކަމެއްކަމުގައި މަޑިފުށީގެ ކައުންސިލުން ސިފަކުރެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް