ކޮޅުމަޑުލު ކިނބިދުއަކީ، ޒަމާނުއްސުރެ ކުލަގަދަ ގޮތެއްގައި ބޮޑު އީދު ފާހަގަކުރާ ރަށެކެވެ. އަމިއްލަވަންތަ ސަގާފީ ކުޅިވަރުތައް އެރަށުގައި ކުޅޭއިރު، ބޮޑު އީދާ ދިމާކޮށް ކިނބިދޫ މީހުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރާ ކަމަކީ "އީދި ކުނބުސް" އެޅުމެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް އީދާ ދިމާކޮށް ކުނބުސް އަޅައެވެ. ނަމަވެސް، ކިނބިދޫ މީހުން ކުނބުސް އަޅާ ގޮތް ތަފާތެވެ. ސައިޒުވެސް ތަފާތެވެ.

ކިނބިދޫ މީހުން ކުނބުސް އެޅުމުގެ ތައްޔާރީތައް އީދު ފެށުމުގެ ހަފުތާއެއް ކުރިން ފަށައެވެ. އީދަށް ދެތިން ދުވަހަށް ވުމުން ރަށުގެ ފިރިހެންވެރީން ވަލަށް ވަދެ، ރުކުއަޅައިގެން ގަނބުޅި އެއްކުރާނެއެވެ. ގާތްގަނޑަކަށް 800-900 އެއްހާ ގަނބުޅި އެވެރިން ގެންނާނެއެވެ. އަންހެންވެރިންގެ މަސައްކަތަކީ، ވަލަށް ވަދެ، ބޮތްބާއި ދަރާއި ފަން ހޮވުމެވެ. އެއީ، ކުނބުސް ފިހަން ތައްޔާރުކުރާ 8 ފޫޓު ތިން ފޫޓުގެ ބޮޑު ވަޅުގަނޑުގައި އަލިފާން ރޯކުރުމަށެވެ.

ކުނބުސް އެޅުމަށް ބޭނުންވާ އެންމެ މުހިންމު އެއްޗަކީ ދިޔާހަކުރެވެ. ކިނބިދުއިން މިހާރު ދިޔާހަކުރު ލިބެން ނެތުމުން ކުނބުސް އަޅަން ދިޔާހަކުރު ގެންނަނީ، ކައިރި ރަށްރަށުންނެވެ. އާއްމުކޮށް 15-20 ފުޅި ދިޔާހަކުރު ގެންނާނެއެވެ.

"ފުރަތަމަ މި ހަދާގޮތަކީ ގަބުޅި ގާނައިފައި ބޮޑު ތެއްޔަކަށް އަޅައިފައި، އެއަށް މި މިކްސް ކުރަނީ ދިޔާހަކުރު. ދެން، އެއަށް ގާތްގަނޑަކަށް އެއް ބަސްތާ ފުށް އަޅުގަނޑުމެން މި އަޅަނީ. ދެން ކުނބުހުގެ ފުށްގަނޑު ތައްޔާރުވީމާ، ދެން އެ ފުށްގަނޑު މި އަޅަނީ ކުނބުސް ފިހާ ފްރޭމްގެ މައްޗަށް. ފްރޭމްގެ މައްޗަށް ފުރަތަމަ ފޮއިލް އަޅައި ނިރުފަތް އަޅާފައި ފުށްގަނޑު މި އަޅަނީ. ދެން އަނެއްކާ މައްޗަށް ފޮއިލް އަޅާފައި ނިރުފަތް އަޅައިފައި އޭގެ މައްޗަށް ބޮނބި އަޅައި އޭގެ މައްޗަށް ވެލި މިއަޅަނީ. އެންމެ ދަށަށްވެސް މި އަޅަނީ ބޮނބި، ދެން ކުނބުސް ފިހަން މި ފަށަނީ" ކުނބުސް ފިހާގޮތް ކިޔައިދެމުން ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން ވިދާޅުވިއެވެ.

ކުނބުސް އަޅަން 8 ފޫޓު ތިން ފޫޓުގެ ބޮޑު ވަޅު ކޮންނަކީ، ރަށުގެ ފިރިހެނުންނެވެ. ގާތްގަނޑަކަށް ދޮޅު ފޫޓެއްހާ ފުންމިނަށް މިވަޅު ކޮންނައިރު، އެ ވަޅު ކޮންނަނީ ކިނބިދޫ ކައުންސިލާ ދިމާލަށް އޮންނަ ހުސް ބިމުގައެވެ. ކުނބުސް ފިހަން ލުމަށްފަހު، ދެ ދުވަސް ވަންދެން ވަޅުގައި ކުނބުސް ބާއްވަން ޖެހެއެވެ. އެއީ ކުނބުސް ރަނގަޅަށް ހަރުކުރުމަށެވެ. ކުނބުސް ފިހާ ދެ ދުވަހު، ކުނބުސް ކައިރީގައި ޑިއުޓީ ބަހައިގެން ރަށުގެ ރައްޔިތުން ތިބެއެވެ. ދޭތެރެއަކުން އަންހެންވެރިން އައިސް ކުނބުސް ފިހެވިފައިވާ މިންވަރު ބަލާނެއެވެ. އެގޮތަށް ވަޅުގައި ދެ ދުވަސް ކުނބުސް އެންދުމަށް ފަހު، ކުނބުސް ވަޅުން ނަގާނީ ހައްޖު ދުވަހުއެވެ.

ދެ ދުވަސް ވަންދެން ވަޅުގައި، ކުނބުސް ހަރުކުރުމަށް އެންދުމަށް ފަހު، ކުނބުސް ނަގައިގެން ކައުންސިލް އިދާރާއަށް ގެންދާނީ ރަށުގެ ފިރިހެންވެރިންނެވެ. ހަތަރުކޮޅުގައި ދަގަނޑު ހޮޅި ލައްވައިފައިވާ ކުނބުސް ފްރޭމް ނަގައިގެން، ކައުންސިލް އިދާރާއަށް ގެންދިއުމަށް ފަހު، އެ ކުނބުސް ހިހޫވަންދެން ދެ ގަޑިއިރެއްހާއިރު ބަހައްޓާނެއެވެ. ދެން އޮންނާނީ ރަށުގެ އަންހެންވެރިން ނުކުމެ، ކުނބުސް ކޮށައި ޕާރްސަލް ތަށްޓަށް އަޅައި، ތައްޔާރުކުރުމެވެ. ކުނބުސް ޕާރްސަލް ތަށިތަކަށް އަޅައި ނިމުމުން، އީދުވިލޭރޭ، އެރަށުގެ ހުރިހާ ގެއަކަށް "ބޮޑު ކުނބުސް" ބަހާނެއެވެ.

ކިނބިދޫގައި "ބޮޑު ކުނބުސް" އަޅާތާ އެތައް އަހަރެއްވެފައިވާއިރު، "ބޮޑު ކުނބުސް" އެޅުމަކީ ރަށުގެ ކުދިބޮޑު އެންމެން އެއްތަން ކުރުވާ މަސައްކަތެކެވެ. ރަށުގެ ރައްޔިތުންގެ އެއްބައިވަންތަ ކަމާއި އަހުވަންތަކަމުގެ ލޯބި ފެނިގެންދާ ކަމެކެވެ.

"މިކަމުގެ ސަބަބުން ހަގީގަތުގައި ރަށުގެ އިޖުތިމާއީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިވެގެންދޭ. އެއީ މި މަސައްކަތުގައި ވަކި ބަޔަކު ނޫޅޭނެ. ރަށުގެ އެންމެންގެ ބައިވެރިވުން އޮވެގެން ކުރިއަށްދާ ކަމެއް މިއީ" އަލީ ހުސައިން ވިދާޅުވިއެވެ.

ކިނބިދޫގައި މިއަހަރުގެ ބޮޑު އީދާ ދިމާކޮށްވެސް ވަނީ "ބޮޑު ކުނބުސް" އަޅައި ރަށުގެ ރައްޔިތުންނަށް ބަހައިފައެވެ. "ކުނބުސް" ކައިގެން އެރަށުގައި މިއަހަރުގެ އީދުވެސް އަންނަނީ ފޯރިގަދަކޮށް ފާހަގަކުރަމުންނެވެ. ކުދި ކުޅިވަރުތަކުން ފެށިގެން، ދެޖިންސުގެ ލަނގިރި ޖެހުމާއި، ކޯނޑި ކެނޑުމާއި އިލިބޯ ޖެހުމުގެ ފޯރިގަދަ ހަރަކާތްތައް މިފަހަރުގެ އީދުގައިވެސް ކިނބިދޫގައި އޮންނާނެއެވެ.