"އައްޑޫ އީދު ފެސްޓިވަލް"ގެ ނަމުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ކުޅިވަރުގެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

"އައްޑޫ އީދު ފެސްޓިވަލް"އަކީ އައްޑޫ ސިޓީ މީދޫ ޒުވާނުން އިސްނަގައިގެން އިންތިޒާމު ކުރާ ހަރަކާތެކެވެ.

އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދެވެ. އަދި އައްޑޫ އީދު ފެސްޓިވަލް އިންތިޒާމު ކުރާ މީދޫ ޑައިނެމިކް ކޮމިއުނިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިއުނިޓީގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، ހައްވާ މުހައްމަދެވެ.

ދިރާގުން ބުނީ، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ އީދު ފެސްޓިވަލުގައި ކުލަ މަޖާ، ފެން ކުޅި، ކުޑަކުދިންގެ ހަވީރު އަދި އީދު ޝޯ ފަދަ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އީދު ހަދިޔާއާއި އެކި އިނާމުތައް ދިނުމާއި އީދު ސައިވެސް އޮންނާނެ ކަމަށެވެ.

ހައްވާ ވިދާޅުވީ، ޒުވާނުން އިސްނަގައިގެން ބާއްވާ އެފަދަ އިވެންޓުތަކަށް ދިރާގުން އަބަދުވެސް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަޟްހާ އީދުގެ އުފާ ފާޅުކުރުންތަކަކީ ސަގާފަތުގެ ވަރަށް މުހިންމު ބައެއް ކަމަށް ވެސް ހައްވާ ވިދާޅުވިއެވެ.

"އައްޑޫ އީދު ފެސްޓިވަލް ފަދަ ކުލަގަދަ ހަފްލާއެއް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހައްވާ ވިދާޅުވިއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދު ވިދާޅުވީ އައްޑޫ އީދު ފެސްޓިވަލުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އައްޑޫ އީދު ފެސްޓިވަލުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މުޖުތަމައުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭ ފަދަ ޒުވާނުންގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް،" ޖައިޝަން ވިދާޅުވިއެވެ.

މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވިގެންދާނެ ތަފާތު މަޝްރޫއުތަކަށް ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.