ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް ބަޑިން ހަމަލާދީ ޒަހަމްކޮށްލުމުން ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

އަބޭގެ ހަށިކޮޅަށް ބަޑި ޖެހީ، މިއަދު ޖަޕާންގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް 11:30 ހާއިރެވެ. އަބޭ އަވަހާރަވިކަން ޖަޕާންގެ ރަސްމީ މީޑިއާ އެންއެޗްކޭ އިން ވަނީ އަބޭގެ ޕާޓީގެ އިސް އޮފިޝަލަކާ ހަވާލާދީ ކަށަވަރުކޮށްދީފައެވެ.

ޖަޕާން ފުލުހުން ބުނާގޮތުން އަބޭއަށް ހަމަލާދީފައިވަނީ އަމިއްލައަށް ހަދާފައި އޮތް ޑަބަލް ބެރަލް 'ޝޮޓްގަން' އަކުން އޭނާގެ ފުރަގަހުންނެވެ. އަދި ހަމަލާގައި 67 އަހަރުގެ އަބޭގެ ހަށިކޮޅަށް ދެ އުންޑައެއް އަރައި އޭނާގެ ކަރަށާއި މޭ ޒަހަމްވިއެވެ. އަދި އަބޭއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އިރުވެސް، އޭނާގެ ހިތް ވަނީ ހުއްޓިފައި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

އެންއެޗްކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުން ޖަޕާން ފުލުހުން ވަނީ އަބޭއަށް ހަމަލާދިން 41 އަހަރުގެ މީހާ ވަގުތުން ހައްޔަރުކޮށްފައެވެ. އަދި އެމީހާ އަކީ ކުރިން ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގައި އުޅުނު މީހެއް ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވަލާދީ އެންއެޗްކޭއިން ބުންޏެވެ.

އަބޭ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޑީގެ ހަމަލާގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަބޭ އަވަހާރަވި ހަބަރު އަޑުއެހީ ފުން ހިތާމަޔާއެކު ކަމަށެވެ. އަދި އަބޭ އަކީ އެންމެ މަތީ ފެންވަރުގެ ދައުލަތުގެ ބޭފުޅެއް ކަމަށާއި އަބޭ އަވަހާރަވުމުގެ ބޮޑު ގެއްލުމާ އާއިލާއިން ކުރިމަތިލާ އިރު، އަބޭގެ އާއިލާއަށާއި ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ 2006-2007 އަށް އަދި 2012-2020 އަށް ކުރައްވާފައިވާ އިރު، އޭނާއަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ.