އިސްލާމީ ހަމަތަކުގެ މަތީން ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
"އަރަފާތު ދުވަހުގެ މާތްކަން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާ އިއްވާފައިވާ އިރު، ހުތުބާގައި ބުނީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ އަމަލުތައް ގިނަކުރަންވީ ދުވަސްތަކެއް ކަމަށާއި، މިއީ ކުރެވިފައިވާ ކުށް ފާފަތަކުން ތައުބާވާންވީ ދުވަސްތައް ކަމަށެވެ.
ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހެޔޮ އަމަލުކުރުމަށް ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ ﷲގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ..،"
އަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ، ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭނެ ކަމެއް ކަމުގައި ރަސޫލާގެ ކިބައިން ސާބިތުވާ ކަމަށް ހުތުބާގައި ބުންޏެވެ.
ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ކަމެކެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނެ ކަމެކެވެ..،"
ހުތުބާގައި ބުނީ، ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ދެން އަންނަ އުފާވެރިކަމުގެ ދުވަސްތަކަކީ އަޟްހާ އީދުގެ ދުވަސްތައް ކަމަށެވެ. އެގޮތުން އީދުގެ ދުވަސްތަކަކީ މުސްލިމުން އުފާފާޅުކުރުމުގެ ދުވަސްތައް ކަމަށާއި ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރީންނަށް ޒިޔާރަތްކޮށް، ތަހުނިޔާ ކިޔުމުގެ ދުވަސްތައް ކަމަށެވެ.
ހުތުބާގައި ބުނީ، އީދު ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ، ހެޔޮ ދުއާއާއި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަން ޖެހޭ ކަމަށެވެ. އަދި އީދު ދުވަހަކީ އެކަކު އަނެކަކާ ސަލާމްކޮށް ޒިޔާރަތްކުރުމުގެ ދުވަސް ކަމަށްވެސް ބުންޏެވެ.
ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ދެ މުސްލިމަކު ބައްދަލުވެ، އަތާއަތް ޖޯޑުކޮށް ސަލާމްކޮށްފިނަމަ، އެ ދެމީހުން ވަކިވުމުގެ ކުރިން އެ ދެމީހުންގެ ފާފަތައް ފުއްސަވައިދެއްވައެވެ..،"
ހުތުބާގައި އިތުރަށް ބުނީ، އީދު ދުވަހު އުފާފާޅުކުރުމަކީ ހުއްދަކަމެއް ނަމަވެސް އީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަހުލާގީ އިމުން ބޭރުނުވާ ގޮތަށް ކަމަށެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށްވެސް ގެއްލުމާއި އުނދަގޫތައް ނުވާނޭ ގޮތަށް މަސްލަހަތަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާވެސް ހިލާފުނުވާ ގޮތުގެ މަތީން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު