"މާފުށީ އީދު އުފާ"ގެ ނަމުގައި ކ. މާފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ކުޅިވަރުގެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު، މުހައްމަދު މިރްޝާން ހަސަންއެވެ. މާފުށީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ހުސައިން ސަލާހުއެވެ.

ދިރާގުން ބުނީ، "މާފުށީ އީދު އުފާ" ނަމުގައި އެރަށު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އީދު ފެސްޓިވަލް ކުރިއަށްދާނީ މިމަހު 8 އިން 11 އަށް ކަމަށެވެ. ފެސްޓިވަލްގައި ކުރިއަށް ދާނެ ސަގާފީ ބައެއް ހަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުން، ކޯޑި ނެރުން، އަދި މާލި ޕެރޭޑް ހިމެނޭކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން ކަލާ ރަންއަކާއި ވޯޓާ ޕާކްގެ ހަރަކާތްތަކާއި ހާއްސަ އީދު ޝޯއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުންޏެވެ.

މިއަހަރުގެ ބޮޑު އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް 7،000 އަށްވުރެ ގިނަ މީހުން އެރަށްދާނެކަމަށް ކައުންސިލުން ލަފާކުރާކަމަށް ދިރާގުން ބުންޏެވެ.

"މާފުށި އީދު އުފާގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ ސަގާފީ ހަރަކާތްތައް ޕްރޮމޯޓް ކުރާ މިފަދަ އިވެންޓުތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. އަދި ދިރާގުން ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކަންކަމަށް އެއްބާރުލުން ދޭނަން" ދިރާގުގެ ސީނިއާ މެނޭޖަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

މާފުށި ކައުންސިލްގެ ރައީސް، ހަސަން ސަލާހް ވިދާޅުވީ، އެރަށުގައި ބާއްވާ އީދު ހަރަކާތްތަކަށް ދިރާގުން އެއްބާރުލުންދޭން ނިންމީތީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެފަދަ ބޮޑެތި އިވެންޓުތަކުގެ ސަބަބުން ރަށަށް ފައިދާކުރާނެ ކަމަށެވެ.

"އިޖުތިމާއީ އަދި ސަގާފީ އެކި ކަންކަމާއި އިވެންޓުތަކައް ދިރާގުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. މިފަދަ އީދު ހަރަކާތްތަކުގެ ސަބަބުން ރަށްރަށަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޔަގީން. މިގޮތުން އަޅުގަނޑުމެންގެ މިފަދަ ބޮޑެތި އިވެންޓުތަކައް ދިރާގުން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރަން." ހަސަން ސަލާހް ވިދާޅުވިއެވެ.

މުޖުތަމައު ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރް ސްޓެރެޓެޖީގެ މައިގަނޑު އެއް އަސާސް ކަމަށާއި، އެގޮތުން ރާއްޖޭގެ އިޖްތިމާއީ ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދޭ ތަފާތު މަޝްރޫއުތަކަށް އެ ކުންފުނިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެކުންފުނިން ދާނީ ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް ބާރުއަޅާ އެކި ޕްރޮގްރާމްތަކާއި އިވެންޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އެހީތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށެވެ.