ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އާ ރަންވޭ މި އަހަރުގެ ފަހު ކުއާޓަރުގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމެޕްނީ ލިމިޓެޑު (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފައެވެ. އެއަށްފަހު މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އާ ސީޕްލޭން ޓާމިނަލް އެއްކޮށް އޮޕަރޭޝަނަށް ގެނެސް މިއަހަރުގެ ފަހު ކުއާޓަރުގައި އާ ރަންވޭ ބޭނުންކުރަން ފެށުން ކަމަށެވެ.
އެގޮތުން އާ ސީޕްލޭން ޓާމިނަލް އެއްކޮށް އޮޕަރޭޝަނަށް ގެނަައުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އަންނަ ހަފުތާގައި އެއްކޮށް އޮޕަރޭޝަނަށް ގެނެސް ބޭނުންކުރަން ފަށާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އާ ރަންވޭ މި އަހަރު ނިމުމުގެ ކުރީގައި ބޭނުންކުރަން ފެށުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕްލޭނަކީ މި އަހަރުގެ ފަހު ކުއާޓަރުގައި އާ ރަންވޭ ހުޅުވުން،" ތޯހާ ވިދާޅުވިއެވެ.
އަހަރުގެ ފަހު ކުއާޓާ ދިމާވާނީ ރާއްޖޭގެ ޕީކް ސީޒަނާއެވެ. އެމްއޭސީއެލުން ކުރިން ރާވާފައި އޮތް ގޮތުން އާ ރަންވޭ ހުޅުވާނީ މި އަހަރުގެ ތިންވަނަ ކުއާޓާގައެވެ. ނަމަވެސް އާ ރަންވޭ ހުޅުވުން ލަސްވަނީ އާ ސީޕްލޭން ޓާމިނަލް ހުޅުވައި ކުރީގެ ޓާމިނަލް އެއްކޮށް ތަޅާލުމުމުގެ މަސައްކަތް ލަސްވާތީ ކަމަށް ބެލެވެއެވެ.
ތޯހާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުގައި މިހާރު ކުރިއަށްދަނީ މުވައްޒަފުންނާއި ސީޕްލޭން އޮޕަރޭޓަރުން ޓާމިނަލަށް ހޭނުމަށް ކުރިއަށްދާ ޓްރައިލްތަކެއް ކަމަށާއި ޓްރައިލްތައް ނިމުނުހާ އަވަހަކަށް ޓީއެމްއޭގެ ހުރިހާ ހަރަކާތްތަކެއް އާ ޓާމިނަލަށް ބަދަލުވާނެ ކަމަށެވެ. އަދި ޓާމިނަލް ރަސްމީކޮށް ހުޅުވުން ލަސްވަނީ، ބަލަންޖެހޭ މިންގަނޑުތައް ބަލައި ޓެސްޓުތައްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭތީ ކަމަށް ވިދާޅުވިއެވެ.
އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި އާ ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށި ކަމުގައި ވިޔަސް ކުރީގެ ޓާމިނަލް އެއްކޮށް ރީލޮކޭޓްކުރަން ދުވަސް ނަގާނެއެވެ. ނަމަވެސް ކުރިއަށް އޮތް ދެތިން މަސްތެރޭ ކުރީގެ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ފެށޭނެ ކަމަށް ބުންޏެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ވީއައިއޭގެ އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ ހުރެއެވެ. ރަންވޭއަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ތިން އަހަރު ވެގެން ދިޔައިރުވެސް އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފައިނުވި ނަމަވެސް ފްލައިޓް ޕާކުކުރުމަށާއި ޓެކްސީވޭއެއްގެ ގޮތުގައި އެ ރަންވޭ ބޭނުންކުރެއެވެ.