މަސްދަރު ހާމަކުރުމަށް މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި މިހާރު ހިމަނާފައިވާ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ގޮވާލާ ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއިއެޓޭނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ނޫސްވެރިން މިއަދު ހުށަހަޅައިފިއެވެ.
އެ މާއްދާ އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ފެށި "މަސްދަރު ހިމާޔަތް ކުރާނަން" ހަރަކާތުގެ ދަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ސޮއިކުރަން ފެށި އެ ޕެޓިޝަންގައި 158 ނޫސްވެރިއަކު ވަނީ ސޮއިކޮށްފައެވެ.
- ނޫސްވެރިންގެ ކަންބޮޑުވުންތަކާ އެއްގޮތަށް ބިލް އިސްލާހުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލަން
- ރައްޔިތުންގެ މަޖިލީހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ދެވަނަ ވިސްނުމަކަށް ގޮސް ބިލް އިސްލާހުކުރުން
- މަސްދަރު ހާމަކުރާ ހާލަތުގައި ކަމެއް ސާބިތުވާން ޖެހެނީ މަދަނީ މިންގަނޑުން ކަމުގައި އޮންނަ އޮތުން ބަދަލުކޮށް "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ"ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލުގައި ލާޒިމްކުރުމަށް
- މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ 'ގައުމީ ސަލާމަތް' ބިލުން އުނިކުރުމަށް
- މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލުގައި ހަނިކުރުމަށް
- ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ 'އިމިނެންޓް ތްރެޓް' (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށް ވާތީ، އެ ގޮތަށް ބިލު އިސްލާހުކުރުން
- ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް
- 'ނޫސްވެރިޔާ' މާނަކުރާ ގޮތް؛ "މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން" ލިބޭ މައުލޫމާތު މި ގޮތަށް ބަދަލު ކުރުމަށް
- މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫން ވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މި ނޫނަސް އެ އެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް" ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން.
އެ ޕެޓިޝަން މިއަދު ރައީސް އޮފީހަށް ހުށަހަޅާފައި ވަނީ އެމްޖޭއޭގެ ރައީސް އަދި "ވަން" އޮންލައިންގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން އާއި އެކްސްކޯގެ ބައެއް މެންބަރުން އަދި އެޑިޓާޒް ގިލްޑްގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) އަދި ބައެއް ނޫސްވެރިން މިއަދު ހެނދުނު 10:00 ގައި ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ގޮހެވެ.
އެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހެޅުއްވުމަށްފަހު ރައީސް އޮފީސް ބޭރުގައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް ރިފްޝާން ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ ނޫސްވެރިން އެ ޕެޓިޝަނުގައި ސޮއިކުރުމުން އެކަމާ ގުޅޭ ގޮތުން، ނޫސްވެރިންގެ އޮތް ކަންބޮޑުވުން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށެވެ.
އަދި މަސްދަރު ސިއްރުކުރުމަކީ ގާނޫނޫ އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު އަދި ނޫސްވެރިކަމުގެ ވަރަށް މުހިންމު އަސާސީ ސިފައަކަށްވާއިރު އެފަދަ ހައްގެއް ގާނޫނަކުން ހަނިކުރަން ވާނީ ވަރަށް ހާއްސަ އަދި އާންމުންނަށް ކުއްލި ނުރައްކަލެއް ކުރިމަތިވެދާނޭ ހާލަތްތަކެއްގައި ކަމަށް ނޫސްވެރިން ބުނަމުން އަންނައިރު އެ އަޑު ރައީސް ސޯލިހު އަޑު އައްސަވަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ނޫސްވެރިންގެ ކަންބޮޑުވުން އެ އޮތީ ސާފުކޮށް ފެންނަން. 155 އަކީ ރާއްޖޭގެ ނިސްބަތުގައި ވަރަށް ގިނަ ނޫސްވެރިން. އެހެންވީމާ މިއީ ނޫސްވެރިންގެ އަޑު. މި އަޑު ރައީސުލްޖުމްހޫރިއްޔާ ސަރުކާރު އަޑުއަހާށޭ އަޅުގަނޑުމެންގެ ގޮވާލުމަކީ. މަސްދަރު ހިމާޔަތް ކުރުމުގެ ހައްގަކީ ވަރަށް ހިފެހެއްޓިފައިވާ ވަރަށް ނާދިރު ހާލަތުގައިހަނިކުރަން ޖެހޭ ކަމެކޭ ބުނެ ނޫސްވެރިން މިއަޑު އުފުލަނީ،" ރިފްޝާން ވިދާޅުވިއެވެ.
ޕެޓިޝަންގެ އިތުރުންވެސް "މަސްދަރު ހިމާޔަތް ކުރާނަން" ކެމްޕޭންގެ ދަށުން އެމްޖޭއޭއިން ވަނީ ނޫސްވެރިންނާ ގުޅިގެން ލޮބީ ކުރުމުގެ އެހެން ހަރަކާތްތައްވެސް ހިންގަން ނިންމައިފައެވެ. އެގޮތުން ނޫސްވެރިން އިގްރާރެއްގައި ސޮއިކުރުމާއި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުމުގެ ބިލެއް އެމްޖޭއޭގެ ފަރާތުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ކުރުމަށްވެސް ނިންމާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު