އިންޑިއާގެ ހިލޭ އެހީގެ ދަށުން ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރި "ހެރަހަމަގު ބަގީޗާ" ހުޅުވައިފިއެވެ.
ހެރަހަމަގު ބަގީޗާ ހުޅުވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
އެ ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަނީ އާންމުންގެ ބައިވެރިވުމާއެކު ފޯރިގަދަ ކުޅިވަރުގެ މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގޮސްފައެވެ.
އިންޑިއާ އެމްބަސީން ބުނީ، އެ ޕާކުވެގެންދާނީ އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމަށް އަދި ދުޅަހެޔޮކަމާއި އައުޓްޑޯ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ ތަނަކަށް ކަމަށެވެ.
ހެރަހަމަގު ބަގީޗާއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.
އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ މައްޗަށް ބިނާވެފައިވާ އެ މަޝްރޫއުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދެމެހެއްޓެނިވި ތަރައްގީ، ތައުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްހީ ދާއިރާ، ކުޅިވަރާއި ޒުވާނުންގެ ތަރައްގީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ވެސް ހިމެނެއެވެ.
އިންޑިއާއިން ރާއްޖޭގައި ހިލޭ އެހީގެ ގޮތުގައި ހިންގޭ އެފަދަ މަޝްރޫއުތައް ބިނާ ވެފައިވަނީ އެ މުޖުތަމައުއަކަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މައްޗަށް ބަލައި، އުމްރާނީ ތަރައްގީ ބިނާކުރުމަށް ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ. އަދި މި މަޝްރޫއުތައް ހަމަޖައްސަނީ ރާއްޖޭގެ ސަރުކާރުން ތަރައްގީގައި އިސްކަންދީފައިވާ ގޮތުގެ މައްޗައް ބަލައިފައެވެ.