އަޟްހާ އީދު ދުވަހާއި ވަޅުއީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެ ވަގުތުތަކުގައި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، އީދު ދުވަހާއި ވަޅުއީދު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ވެހިކަލް ދުއްވުން މަނާވިޔަސް، އެ ވަގުތުތަކުގައި ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އީދު ދުވަހާއި ވަޅުއީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެމްބަރު ރީހާން ނާޒިމެވެ. އެ ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވެފައެވެ.

ފަހަކަށް އައިސް ހާއްސަ ދުވަސްތަކުގައި ވަކި ވަގުތުތަކެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައެވެ. އެގޮތުން ވޭތުވި އަހަރުތަކުގައި ވެސް އީދާއި އެހެން ބޮޑެތި ބަންދުތަކާ ގުޅުވައިގެން ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ.