ބޮޑު އީދުގެ ފުރަތަމަ ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އީދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވެ އެ ދުވަސްތަކުގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ބައެއް ސަރަހައްދުތަކަށް ދޭތެރެއަކުން ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކަށް އުދައަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ދުވަސްވަރު މޫސުން ގޯސްވެފައިވާތީ އެމްއެންޑީއެފް އާއި ފުލުހުން ވަނީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވާރޭވެހުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އަޅައި ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

މިމަހުގެ ދެ ވަނަ ދުވަހު ދެކުނުގެ 34 ރަށަކަށް އުދައެރުމުގެ ސަބަބުން 451 ގެއަކަށް ގެއްލުންވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.