ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުވާކުރީ އެ ކުއްޖާގެ ކާފަ އިބްރާހީމް ދީދީ އާއި މުނި ކާފަ ހަސަން މޫސާދީދީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރީ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލަ ޝަރީއަތުން ބެލި ބެލުމުން 17 ޖަނަވަރީ 2020 ވަނަ ދުވަހުގެ ކުރިން ތަފާތު އެކި ދުވަސް މަތިން އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ހަސަން މޫސާ ދީދީގެ މުނިކާފަދަރީގެ ކުރިމަތިފަރާތުގައި އަތްލާފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.
އެހެންވެ، އާއިލާގެ މެންބަރަކު، އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އެ ދެމީހުން ކުށްވެރިވެ، އަދަބެއްގެ ގޮތުން އެ ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށް ބުންޏެވެ.
އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން މިހާރު ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި ހަ މަހާއި 10 ދުވަހެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމަތާ ގުޅުންހުރި މައްސަލައަކަށްވާތީ އެ މައްސަލައިގެ ހުކުމް އާާއްމުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމާތާ ގުޅޭ ވާހަކަތަކެއް ހިމެނޭ މައްސަލައެއް ކަމުން އެފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެ މައްސަލަވެސް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.