ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ނުވިކު ހުރި ފުލެޓުތައް ވިއްކަން ހުޅުވާލައިފިއެވެ.
ސްޓެލްކޯއިން މިއަދުކުރި ޓުވީޓެއްގައި ބުނީ، އެ ކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި، އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ވިއްކަން ނިންމައި، މިހާރު އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ފުލެޓުތަކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލެޓްތަކަށް ކަރަންޓުލުމަށް ބޭނުންވާ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ފަށައިފައެވެ.
ސްޓެލްކޯއަށް 25 އަހަރުން ފުރުން ފާހަގަކުރުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ، މިމަހު ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށާއި ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާ އިރު، އެތަނުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.