ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ހާންޖީ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލައިފައިވާ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް އާއި އޭނާގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ޕާކިސްތާނު ޝެފް މުހައްމަދު އާބިދު (26އ)އާ ދެމެދު މައްސަލަ ޖެހުނީ، ޝަމީމް މަދުން އަލުވި ކޮށައިދީގެން ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

އާބިދުގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އާބިދު ބުނި ގޮތުގައި އޭނާ މަސައްކަތްކުރީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އަދި ހޫރާލެވުނީ ވަޅިއެއް ކަމެއްވެސް ނޭނގޭ ކަމަށް ބުންޏެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެވެ. ހެކިބަސް ނެގުމުގެ އަޑުއެހުން ޝަރީއަތުގެ ކުރިއަށް ތާވަލުކުރީ، އާބިދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ 11 މީހެއްގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިން ނެގުމަށް ދައުލަތުން އެދިފައިވާތީއެވެ. އެއީ އޭގެ ބައެއް މީހުން ރާއްޖެ ދޫކޮށް ދާން ބޭނުންވާކަން އެނގިފައި އޮތުމުންނެވެ. އޭގެ ތެރެއިން މިއަދު ވަނީ އެއިރު އެ ރެސްޓޯރެންޓްގެ ބަދިގޭގައި ކައްކާގެ އެހީތެރިންގެ ގޮތުގައި އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ހެކިބަސް ނަގައިފައެވެ.

ކޯޓުގައި ހެކިބަސް ދެމުން އެ ހަތަރު މީހުން ވެސް ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު ފެނުނު ހަމައެކަނި ޒަހަމަކީ ޝަމީމްގެ ވާތު ލޮލުގެ ތަންކޮޅެއް ތިރިން މޫނު މައްޗަށް ލިބިފައިވާ ޒަހަމް އެކަންޏެވެ. އޭނާގެ މެއަށް އެއްވެސް ހަމަލާއެއް ދެނިކޮށް އަދި މޭމައްޗަށް އެއްވެސް ޒާތެއްގެ ޒަހަމެއް ލިބިފައިވަނިކޮށް ނުފެންނަ ކަމަށް ބުންޏެވެ. އެމީހުންގެ ތެރެއިން މާރާމާރީގެ މަންޒަރު ފެނުނީ ތިން މީހަކަށެވެ.

މާރާމާރީގެ މަންޒަރު ދުށް ތިން މީހުންވެސް ބުނި ގޮތުގައި އެ ދުވަހު ދެ ފަހަރެއްގެ މަތިން ޝަމީމް އާއި އާބިދުއާ ދެމެދު މާރާމާރީ ހިންގިއެވެ. ފުރަތަމަ މާރާމާރީގައި ދެ މީހުންވެސް އެކަކު އަނެއްކަކު ގައިގައި ޖަހައި އަތުން ހަމަލާދީފައިވާއިރު، ޝަމީމް އާއި އާބިދުއާ ދެމެދު ދެބަސްވުންތަކެއް އުފެދުނީ ބިރިޔާނީ ތައްޔާރު ކުރުމަށް ޓަކައި ޝަމީމް އަލުވި ކޮށިވަރު މަދުވެގެން އާބިދު އެކަމާ ޝަކުވާ ކުރަން ފެށުމުންނެވެ.

ޝަމީމް ބުނަމުން ދިޔައީ އަލުވި ފަހުން އިތުރަށް ކޮށާނެ ކަމުގައެވެ. ނަމަވެސް އެކަމާ ހިތްހަމަނުޖެހި އެކަކު އަނެއްކަކަށް ހުތުރު ބަހުން ގޮވައި މާރާމާރީ ހިންގީ ކަމަށް ހެކިވެރިން ބުންޏެވެ. އެއިރު އާބިދުގެ އަތުގައި ވަޅިއެއް އޮތް ކަމަށްވެސް ހެކިވެރިޔަކު ވަނީ ބުނެފައެވެ.

އެ ހަތަރު މީހުންގެ ހެކިބަސް ނަގައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ މިހާރު ހެކިބަސް ނުނެގި އޮތް ހަތް މީހުންގެ ހެކިބަސް އީދު ބަންދަށް ފަހު ނަގާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ޝަމީމް މަރާލާފައިވަނީ 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އާބިދު އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝަމީމްގެ މޫނުގެ ވައަތްފަރާތުން ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.