ދުއްވަން ދިޔައީ ރައްޓެހިންތަކަކާއެކުއެވެ. ގއ. މާމެންދުއަށް ނިސްބަތްވި ނަމަވެސް އުޅެ ބޮޑުވީ ވިލިމާލޭގައެވެ. ނަމަވެސް ފަހަކަށް އައިސް ބ. ތުޅާދޫ އަށް ދިރިއުޅުން ބަދަލުކުރީ އާއިލާގެ ބައެއް އެރަށުގައި އުޅޭތީއެވެ. ތުޅާދޫގައި ހުރެފައި މާލެ އައީ ޑޮކްޓަރަށް ދެއްކުމަށެވެ. ޑޮކްޓަރަށް ދައްކާފައި ފުރަން އޮތީ މިއަދުއެވެ.
މިއީ އިއްޔެ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މަރިޔަމް އަމާނީ ރަޝީދު 23އ،ގެ ވާހަކައެވެ. ރައްޓެހިންގެ ނަމުން ނަމަ އެލީނާ އެވެ. ނުވަތަ އައްމިއެވެ.
އަމާނީގެ ގާތްމީހަކު "ވަން" އަށް މިއަދު ބުނިގޮތުގައި، އެންމެ ފަހުން އަމާނީއާ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ވާހަކަ ދެއްކުނު ކަމަށެވެ. އަދި އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް އޭނާ ބުންޏެވެ.
"އިއްޔެ އަމާނީއާ ވާހަކަ ދެއްކުނީ މެންދުރުފަހުގެ ވަގުތެއްގަ. ދެން ބުނީ ރަށަށް ދާން އުޅޭ ވާހަކައާއި ޓިކެޓު އޯކޭކުރި ވާހަކަ. އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގައެއްވެސް ނުވޭ. މިއަދު ރަށަށް ދާން ނިންމައިގެން ހުރީ. މި ފޯނު ކޯލަށްފަހު އަހަރެންވެސް ރޭގަނޑު ޑިއުޓީ އޮތީމަ ނިދީ. ނިދާފަ ހޭލެވުނީ އަމާނީގެ މަރުގެ ހަބަރުދޭން އައި ފޯނުކޯލާއެކު." އޭނާ ކިޔައިދިނެވެ.
އަމާނީއާއެކު އެ ކާރުގައި ތިބީ ރައްޓެހިންނެވެ. ފުރުމުގެ ކުރިން ރައްޓެހިންނާ ބައްދަލުކޮށް ކާރު ދުއްވަން ދާން ބޭނުންވިއެވެ. އެގޮތަށް ރައްޓެއްސެއްގެ ކާރު ނަގައިގެން އަންހެން ދެ ރައްޓެހިންނާއި ފިރިހެން ދެ ރައްޓެހިންނާއެކު އަމާނީމެންގެ މިސްރާބު ހުރީ ހުޅުމާލެއަށް ކަމަށް މައުލުމާތުލިބެއެވެ.
މިވަގުތު މާލޭގައި ހުރި އޭނާގެ ގާތް އެކުވެރިޔަކު ބުނީ އަމާނީ އަކީ ހިތްހެޔޮ، ރައްޓެހިންނަށްވެސް އެހާ ރަނގަޅު ހެޔޮލަފާ މީހެއް އެކުވެރިއެއް ކަމަށެވެ. އަދި އާއިލާދެކެ ވަރަށް ލޯބިވާ މީހެއް ކަމަށްވެސް ބުންޏެވެ.
"އެކުގަ އުޅޭތާ ނުވަ އަހަރު ވެއްޖެ. ހީވަނީ ހަށިގަނޑުން ބައެއް މަދުވިހެން. އެހާވެސް ލޯބި މީހެއް އަމާނީއަކީ. ގަބޫލުކުރަން ދަތިވިނަމަވެސް މިއައީ ޖަނާޒާ ނިންމާފަ. ފަސްދާނުލާފަ. އެކީގަ ކުރެވުނު ކުދިކުދި ކަންކަމުންފެށިގެން ބޮޑެތި ކަންކަން ވަރަށް ހަނދާންވާނެ." އަސަރާއެކު އޭނާ ބުންޏެވެ.
އެކުވެނި ޓްރެކް ސަރަހައްދުގައި އިއްޔެ ހިނގައިދިޔައީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ. ބާރު ސްޕީޑުގައި ހުޅަނގުން އިރަށް ދުއްވާފައި އައި އެކާރު ކޮންޓްރޯލުނުވެ ކަހާލައި، އެނބުރެމުން އެނބުރެމުންގޮސް ފުރަތަމަ ޖެހުނީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރެއްގައެވެ. އެކާރުގައި ޖެހިފައިވެސް އަމާނީމެން ތިބި ކާރު ކޮންޓްރޯލެއް ނުވިއެވެ. އެ ބާރުމިނުގައި ގޮސް ޖެހުނީ ހުޅުމާލެއިން މާލެ އައި ބަހެއްގައެވެ. އެބަހުގައި ޖެހި ކާރު ހުއްޓުނުއިރު ކާރު ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ.
ކާރުތެރޭގައި ތިބި މީހުން ސަލާމަތްކުރަން އެ ސަރަހައްދުގައި އެވަގުތު ތިބި އާންމުންނާއި އެމްއެންޑީއެފް ފަޔާއެންޑް ރެސްކިޔު ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ. ކާރުގައި ތިބި ފަސް މީހުން ސަލާމަތްކުރުމަށްފަހު އެމްބިއުލާންސްގައްޔާއި އެވަގުތު އެ ސަރަހައްދުގައި ހުރި އުޅަނދުތަކުގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަމާނީ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗު ހޮސްޕިޓަލުގެ ބައެއް މަސްދަރުތަކުން މައުލޫމާތު ލިބުނު ގޮތުގައި އަމާނީގެ ކަނދުރާ ބިނދި، މައިބަދައަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ އިތުރުން ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބި އެތެރެހަށީގެ އެކި ގުނަވަންތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހަކަށް ފަރުވާ ދެމުން އަންނައިރު އެ ހަތަރު މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. އޭގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނައިރު އެމީހުން އަދިވެސް ހޭ ނާރާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހުންގެ ތެރެއިން ބައެއް މީހުންގެ އުނަގަނޑަށާއި މޭމަތީގެ ކަށިތަކަށް ގެއްލުންވެ އެތެރެހައްޓަށް ލޭވެސް އެޅިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
އެވަގުތު އެ ސަރަހައްދުން ހިނގާފައި ދިޔަ މީހުންނާއި އުޅަނދުތަކުގައި ދިޔަ މީހުން ބުނީ މި އެކްސިޑެންޓުގެ ސަބަބުން ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދި ނަފުސާނީ ގޮތުންވެސް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
އަމާނީގެ ފޭސްބުކް ބަލައިލިއިރު އޭނާ އިއްޔެ ހަވީރު 3:59ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިލައިގެންދިޔުމަކީ ހުވަފެނެއް ކަމަށެވެ. އަދި އެހެން ޕޯސްޓެއްގައި ބުނެފައިވަނީ މަރުވުމުން ނުދަންނަ މީހާވެސް ސަންދޯއްމައްޗަށް ތިންމުއްވެލި އުކައިދޭނެ ކަމަށެވެ. ނުރައްކާތެރި އެކްސިޑެންޓުގައި އަމާނީ މަރުވިއިރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ހިސާބުތަކުން އަންނަނީ އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް