ހަރަދުތައް މިހާރު ހުރި ގޮތަށް ބަދަލެއް ނުގެނެސް ކުރިއަށްދާ ނަމަ 2024ގައި 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް ބަދަލު ނުގެނެސްފި ނަމަ އާމްދަނީއަށް ވުރެ ހަރަދު ބޮޑުތަނުން އިތުރުވާނެ ކަމަށާއި ދަރަންޏާއި ފިސްކަލް ދެމެހެއްޓޭނެ ކަން ކަށަވަރު ކުރަން ހުރި ގޮންޖެހުންތައްވެސް އިތުރުވާނެ ކަމަށެވެ.
އަދި މިހާރު ކުރިއަށްދާ ގޮތަށްދާ ނަމަ 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 30 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އާމްދަނީ އިތުރުކޮށް ހަރަދު އިތުރުވާ މިންވަރު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ 2023 ވަނަ އަހަރަށް 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެވަރުގެ ބަޖެޓަކީ މިހާރު ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތާއި އިގުތިސޯދީ ހާލަތަށް ބަލާ އިރު ފައިނޭންސް ކުރެވޭނެ ބަޖެޓެއް ނޫން ކަމަށެވެ.
"ފައިނޭންސް ކުރެވުނަސް އަޅުގަނޑުމެން އެކަން ކުރަންޖެހޭނީ ބޮޑު އަގުގަ. ކޮވިޑު 19 އިގެ ތެރޭގައި އަޅުގަނޑުމެން ސުކޫކް އިޝޫ ކުރި ރޭޓަށްވުރެވެސް ބޮޑުތަނުން ދުނިޔޭގެ އިންޓްރެސްޓް ރޭޓު އިތުރުވަމުން ދާތީ ކޮސްޓް އޮފް ބޮރޮވިން އިތުރުވެގެންދާނެ. އެއީ އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ކުރަން ބޭނުންވާ ކަމެއް ނޫން،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކޮވިޑަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމާ ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ހަރަކާތް ފުޅާވެ، އާމްދަނީ އިތުރުވި ނަމަވެސް ރާއްޖޭގެ ހަރަދުތައް ދެމެހެއްޓެނިވި މިންގަޑެއްގައި ދަމަހައްޓަން ސިޔާސަތުތަކެއް ރާވަން ޖެހޭ ކަމަށެވެ. އަދި ކޮވިޑަށް ފަހު އިގުތިސޯދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް ކުރިމަތިވި ރަޝިއާ ޔޫކްރެއިން ހަނގުރާމަ ވެގެން ދިޔައީ "ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން" ކަހަލަ ކަމެއް ކަމަށާއި އޭގެ ސަބަބުން އިގުތިސޯދީ ގޮތުންނާއި މާލީ ގޮތުން އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖުކޮށް އާމްދަނީ އިތުރުކުރަން ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާއިރު، އެ ފިޔަވަޅުތަކަކީ ޖީޑީޕީގެ ނިސްބަތުން ހަ ޕަސެންޓްގެ ކަރެކްޝަނެއް އަންނާނެ ކަންތައްތަކެއް ކަމަށެވެ.
މި ބަދަލުތައް ގެނައުމަށް ރާއްޖޭގެ ފިސްކަލް ސްޓްރެޓެޖީ އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމަށް މިނިސްޓްރީން އަންނަނީ ތައްޔާރު ވަމުންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ނަގާ ޓެކުހަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރަމުންދާއިރު، ޖީއެސްޓީގެ އިތުރުން މުއްސަނދިންގެ އަތުން ނަގާ ޕްރޮގްރެސިވް ޓެކްސްއަށް ވެސް ބަދަލުތަކެއް ގެނައުމަށް ދިރާސާތަކެއް ކުރަމުންގެންދާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.