މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ ގޮނޑިއެއް ކާމިޔާބުކޮށް އެމްއެންޕީން އެ ޕާޓީގެ ފުރަތަމަ ކާމިޔާބީ ހޯދުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އެމްއެމްޕީން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީން އަންނަނީ އެކިއެކި އިލެކްޝަންތަކުގައި ވާދަކުރަމުން ކަމަށާއި ކޮމަންޑޫ މަޖިލިސް އިންތިހާބުގެ ބައި-އިލެކްޝަނުން އެ ޕާޓީ ބަލިވިޔަސް ލިބުނު ވޯޓާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އޭގެ ފަހުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުގައި ވާދަކޮށް ކުޑަ ފަރަގަކުން ބަލިވި ނަމަވެސް އެންމެ ފަހުން ބޭއްވި ކޮމަންޑޫ އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއާ ވާދަކޮށް ކުރިއެރުން ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ލިބޭ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޕާޓީ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެމްއެންޕީ އާއި އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރިއެވެ. އެ ރަށުގެ އަންހެނުންގެ ކޮމެޓީގެ ދެ ގޮނޑިއަކަށް މެންބަރުން އިންތިހާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓާއެކު އިންތިހާބުން ކުރި ހޯދީ އެމްއެންޕީގެ ކެންޑިޑޭޓް ޒައީމާ އާދަމްއެވެ. ޒައިމާ ވަނީ 334 ވޯޓް ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު