މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން އެއާލައިންތަކަށް ވިއްކުމަށް ގެންނަ ޖެޓް ފިއުލް ޝިޕްމެންޓެއް ލަސްވެ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްްއޭސީއެލް) އިން އެއާލައިންތަކަށް ލިމިޓުކޮށްގެން ތެޔޮ ވިއްކަން ފަށައިފިއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު "ވަން" އަށް ވިދާޅުވީ އެ ކުންފުނިން ގެންނަ A-1 ޖެޓް ފިއުލް ޝިޕްމެންޓެއް ހަފުތާއަކަށް ޑިލޭވުމާ ގުޅިގެން އިއްޔެއިން ފެށިގެން އެއާލައިންތަކަށް ތެޔޮ ވިއްކަމުން ގެންދަނީ ކޮންޓްރޯލްޑް މެކެނިޒަމެއްގެ ދަށުން ކަމަށެވެ. އަދި މިއީ ވަގުތީ ކޮންޓްރޯލް ކުރުމެއް ކަމަށާއި ކޮންމެ އެއާލައިނަކުންވެސް ކުރަން ޖެހޭ ދަތުރަކަށް ބޭނުންވާ ވަރަށް މިހާރުވެސް ފިއުލް ފޯރުކޮށްދެމުން ދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

"ހުރިހާ އެއާލައިން ތަކަށް އެކޮމޮޑޭޓް ކޮށްދިނުމަށް ހަފުތާއަކަށް ކޮންޓްރޯލް ކޮށްގެން ވިއްކާނީ. ޑެސްޓިނޭޝަންތަކަށް ދާ ފިއުލް ކެޕޭސިޓީ ބަލާފައި އެގޮތަށް ދޫކުރަނީ. އެއާލައިން ތަކަށް ސަފިޝަންޓް ވާވަރަށް ފިއުލް ލިބޭނެ" ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ފިއުލް ވިއްކުމުގައި މިވަގުތު ބޭނުންކުރަން ފަށާފައިވާ "ކޮންޓްރޯލްޑް މެކެނިޒަމް" އަކީ މީގެ ކުރިންވެސް އެކުންފުނިން ބޭނުންކުރި އަދި ކާމިޔާބު ނަތީޖާއެއް ފެނިފައިވާ ފޯމިއުލާ އެއް ކަމަށެވެ. އަދި ލަސްވެފައިވާ ޝިޕްމެންޓު ލިބުމުން، ކުރިން ފިއުލް ވިއްކަމުން އައި ގޮތަށް އަނެއްކާވެސް ބަދަލުގެންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.