ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ހަނިކުރުމާ ދެކޮޅު ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ހެއްކާ ބެހޭ ބިލް ފާސްކޮށްފައެވެ.
ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.
އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެމްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުސާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެ ބިލާ ގުޅޭ ގޮތުން ބަހުސްކުރި އިރުވެސް ބިލްގައިވާ ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ.
އުސާމް ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ހިފަހައްޓަން ޖެހޭނީ ވަރަށް ހާއްސަ ހާލަތްތަކެއްގައި ކަމަށާއި އެނޫން ގޮތަކަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ހެއްކާ ބެހޭ ބިލްގައި މިހާރު އޮތީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ކަމަށާއި ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ގައުމީ ސަލާމަތާބެހޭ މައްސަލަތައް މާނަކޮށްފައި ނެތުމަކީ ކޮންމެ ފަދަ މައްސަލައެއްވެސް ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލައެއް ކަމަށް ބުނެ ކޯޓަށް ހުށެހެޅުމުގެ ފުރުސަތު ލިބޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ނޫސްވެރިންނަށް ލިބިދޭ ހައްގު މިހާރު މިއޮތް ވަަރަށް ހިފަހައްޓަން ޖެހޭނެ ކަމަށް،" އުސާމް ވިދާޅުވިއެވެ.
އުސާމް އިތުރަށް ވިދާޅުވީ، ހެއްކާ ބެހޭ ބިލްގައިވާ ކަންކަމާ ގުޅިގެން އިތުރަށް ކުރަން ޖެހޭ ކަންކަން އެމްއެމްޕީން ކުރާނެ ކަމަށެވެ.
ހެއްކާ ބެހޭ ބިލް ތަސްދީގުނުކުރަން މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާޒް ގިލްޑުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ގޮވާލައިފައެވެ. އަދި މިހާރު އޮތް ގޮތަށް އެ ބިލް ތަސްދީގުކުރައްވައިފިނަމަ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ނިންމައިފައެވެ.