ށ. ފޭދޫގައި ދެމަފިރިއެއްގެ މެދުގައި ހިންގި އަރައިރުމެއްގެ ތެރެއިން އަނބިމީހާގެ ބަނޑަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާއަށް ދައުވާ އުފުލައިފިއެވެ.

ފޭދޫގައި މި މާރާމާރީ ހިންގާފައި ވަނީ މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހަމަ އެރޭ އެކަން ކުރި ށ. ފޭދޫ ރެޑިއަމްގެ، އާދަމް، 37އ. ވަނީ ހައްޔަރުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން އާދަމްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ އާދަމްގެ މައްޗަށް ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެއެވެ.

މި މާރާމާރީގައި ފިރިމީހާގެ ފަރާތުން އަނިޔާ ލިބުނު އައިމިނަތު ހަސީބާ (އައިންތު) "ވަން" އަށް މީގެ ކުރިން ބުނީ އެމީހުންގެ ކައިވެންޏަށްވީ 12 އަހަރު ތެރޭގައި އޭނާގެ ފިރިމީހާގެ ފަރާތުން އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް ހަމަލާ ދިނުމުގެ ކުރިން ޝައްކު ކުރުމާއެކު އަނިޔާވެސް ކޮންމެވެސް ވަރަކަށް ކުރި ކަމަށް ބުންޏެވެ.