ކުރިއަށްެއޮތް ހުކުރުދުވަހަކީ މިއަހަރުގެ ހައްޖުދުވަހެވެ. މިފަހަރު މިދިމާވަނީ ހުކުރު ހައްޖެކެވެ. މާތްވެގެންވާ ހައްޖުގެ އަޅުކަން އަދާކުރުމަށް މިލިޔަނެއްހައި މީހުން މިހާރުވަނީ ސައޫދީ އަރަބިޔާއަށް އެތެރެވެފައެވެ. މިއީ ކޮވިޑުގެ ބިރުވެރި ރާޅުގެ ސަބަބުން ހައްޖުގެ އަޅުކަމަށްވެސް ހުރަސްއެޅި ސައޫދީ އަރަބިޔާވެސް ފުރަބަންދެއްގައި އޮންނަތާ ދެއަހަރު ފަހުން އާއްމުކޮށް ހުޅުވާލެވުނު ފުރަތަމަ ހައްޖެވެ. ފާއިތުވި ދެއަހަރު ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތުދެވުނީ ސައުދީ ސަރުކާރުން ހޮވައިލި މަދު އަދަދެއްގެ ބަޔަކަށެވެ. މިއަހަރު އެކަހަލަ މާބޮޑު ހިފެހެއްޓުމެއް ނެތެވެ. ދުރާލައި ދެވިފައިވާ ކޯޓާތަކާ އެއްއަދަދަކަށް ދުނިޔޭގެ ގައުމުތަކުން މިލިއަނެއްހައި މީހުން ވަނީ މައްކާއަށާއި މަދީނާއަށް ޖަމާވެފައެވެ. މިއީ ކޮވިޑުގެ ކުރިން ހުއްދަކުރެވެމުން އައި އަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު އަދަދެކެވެ.
ފާއިތުވި ދެއަހަރަށްވުރެ މިއަހަރު އަދަދުތައް މައްޗަށް ޖައްސައިލިކަމަށްވިޔަސް އެއް މިލިޔަނުގައި ހިފެހެއްޓުމުގެ ގޮތުން ބައެއްކަހަލަ ޝަރުތުތަކެއް ވަނީ ހިމަނައިފައެވެ. އޭގެތެރޭގައި އުމުރު 18 އަހަރާއި 65 އަހަރާ ދެމެދުގައި ހިފެހެއްޓުމާއި ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާކަން ޔަގީންކުރުމާއި ދިގު މުއްދަތެއްގައި ބޮޑު ބައްޔަކަށް ފަރުވާހޯދާ މީހެއް ނޫންކަން ޔަގީންކުރުންވެސް ހިމެނެއެވެ. މިކަންކަން ކަށަވަރުކުރުމާއެކު ހާދިސާތައް މަދު ހައްޖަކަށް ހެދުމަށްޓަކައި ހަރަމްފުޅާއި އެނޫންވެސް ތަންތަން ބެލެހެއްޓުން ވަނީ އިތުރުކޮށްފައެވެ. މައްކާޔާއި މަދީނާޔަށް ވަދެނުކުމެވާ މަގުތައް ބެލެހެއްޓުންވެސް ވަނީ އިތުރުކޮށްފައެވެ. ސައޫދީ ސަރުކާރުގެ އަމާޒަކީ ފަހަކަށްއައިސް ބޭއްވޭ އެންމެ އަމާން އޮމާން ހައްޖުކަމުގައި މިއަހަރުގެ ހައްޖު ހެދުމެވެ. ބައެއް ކަންކަމުގެ އަޖުމަވެސް ބެލުމެވެ.
ފާއިތުވި ދުވަސްތަކުގައި ވަރަށް ނުރައްކާތެރި ތަފާތު އެތަކެއް ހާދިސާ ހައްޖު މޫސުމުގައި ވަނީ ހިނގައިފައެވެ. އަލިފާނުގެ ހާދިސާތަކާއި ފިތިބާރުވެ ފައިދަަށުވެގެން މީހުން މަރުވުމުގެ ހާދިސާތަކެވެ. މިކަންކަން ތަކުރާރު ނުވާނޭގޮތް ހެދުމަށްޓަކައި އިންފްރާސްޓްރަކްޗަރ ޒަމާނީކުރުމަށް ސައޫދީ ސަރުކާރުން ވަނީ އެތައް ބިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައެވެ. ހައްޖަކީ ސައޫދީ އަރަބިޔާއަށް އާމްދަނީ ވައްދައިދޭ ވަރަށް ބޮޑު ވަސީލަތެއްވެސްމެއެވެ. ހައްޖުވެރިން ތިބުމާއި ދަތުރުފަތުރާއި އެކިއެކި ފީތަކާއި ވިޔަފާރީގެ ނަފާވެސް ހިމެނޭގޮތުންނެވެ. ކޮވިޑުގެ ސަބަބުން ސައޫދީ އަރަބިޔާ ފުރަބަންދު ކުރުމުގެ ކުރިން އެންމެފަހުން އާއްމުކޮށް ހުޅުވާލެވިގެން ހައްޖެއް ބޭއްވުނީ 2019 ގައެވެ. އެ އަހަރުގެ ހައްޖުގައި 2.6 މިލިޔަން މީހުން ބައިވެރިވިއެވެ.
އުމްރާއަކީ މުޅިއަހަރުގެ ކޮންމެ ދުވަހެއްގައިވެސް ފުރިހަމަކުރެވޭ އަޅުކަމެކެވެ. އެހެންވީމާ 2019 ވަނަ އަހަރު ޖުމްލަ 19 މިލިޔަން މީހުން އުމްރާގެ އަޅުކަން ފުރިހަމަ ކުރިއެވެ. ސައޫދީ އަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ ޕްލޭނުގައި 2030 ވަނަ އަހަރާ ހަމަޔަށްދާއިރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރާ މީހުންގެ އަދަދު އަހަރަކު ތިރީސް މިލިޔަނާ ހަމަޔަށް މަތިކުރުމުގެ ލަނޑުދަނޑިއެއް ހިމެނެއެވެ. އެ ލަނޑުދަނޑީގެ ބޭނުމަކީ ހައްޖާއި އުމްރާގެ ފަތުރުވެރިކަމުން ސައޫދީ އަރަބިޔާއަށް ލިބޭ އާމްދަނީގެ އަދަދު އަހަރަކު 13.3 ބިލިޔަން ޑޮލަރާ ހިސާބަށް މަތިކުރުމެވެ. ހަރަމްފުޅު ބޮޑުކުރުމާއި ހޮޓާތައް ތަރައްގީކުރުމާއި މަގުތަކާއި ބުރިޖުތައް އިތުރުކުރުން ކުރިއަށް ގެންދަނީ މިވިސްނުމުގައެވެ. މި ޕްލޭނުގެ ދަށުންނެވެ.
އިސްލާމުންގެ އެންމެ މުގައްދަސް ތިން ހަރަމުގެ ތެރެއިން ދެ ހަރަމް ހުންނަނީ ސައޫދީ އަރަބިޔާގެ ހިޖާޒުގައެވެ. މައްކާޔާއި މަދީނާގައެވެ. ސައޫދީ ރަސްކަން މިހާރު އެއޮތް ބައްޓަމަށް ފަރުމާކުރެވިފައިވަނީ ނަޖުދާއި ހިޖާޒު އެއްކޮށްލައިގެން 23 ސެޕްޓެމްބަރު 1932 ގައެވެ. އެދުވަހަކީ ކޮންމެ އަހަރަކުވެސް ސައޫދީ އަރަބިޔާގެ ގައުމީ ދުވަހެވެ. މިއަދު ސައޫދީ އަރަބިޔާގެ މުއްސަނދިކަމުގެ 90 އިންސައްތައަކީ ތެލުގެ މުއްސަނދިކަމެވެ. ހިޖާޒުގައި ތެލެއް ނެތެވެ. ތެޔޮހުރީ ނަޖުދުގައެވެ. އެހެންނަމަވެސް ނަޖުދެކޭ އެއްގޮތަށް ހިޖާޒު ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ސައޫދީ އަރަބިޔާގެ އެންމެ ބައިބޯ ޕްރޮވިންސަކީވެސް ހިޖާޒެވެ. މުޅި ގައުމުގެ އާބާދީގެ 35 އިންސައްތަ ދިރިއުޅެނީ ހިޖާޒުގައެވެ.
ހިޖާޒުގެ އެންމެ ބޮޑު ސިޓީއަކީ ޖިއްދާއެވެ. އެއަށްފަހު މައްކާއާއި މަދީނާއެވެ. ތާއިފާއި ތަބޫކާއި ޔަންބޫއެވެ. އުސްމާނީ ޚިލާފަތުގެ ޒަމާނުގައި ހިޖާޒަކީ އެ ޚިލާފަތުގެ ވަކި ޕްރޮވިންސެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި އުސްމާނީން ބަލިވުމަށްފަހު ކުޑަދުވަސްކޮޅެއްގައި ހިޖާޒު ވަކި ގައުމެއްގެ ގޮތުގައި މިނިވަންވެސްވިއެވެ. އެހެންނަމަވެސް ނަޖުދުގެ ރަސްގެފާނު އަބްދުލްއަޒީޒު އާލްސައޫދު ހިޖާޒު ފަތަހަކުރައްވައި އޭނާގެ ވެރިކަމުގެ ދަށަށް ގެންދެވީއެވެ. އަބްދުލްއަޒީޒު އާލްސައޫދަކީ މިހާރު އެހުންނެވި ސަލްމާން ރަސްގެފާނުގެ ބައްޕާފުޅެވެ. ސައޫދީ އަރަބިޔާގެ ބާނީއަކީ އެއީއެވެ. ހިޖާޒު ފަތަހަ ކުރެއްވުމަށްފަހު އަބްދުލްއަޒީޒު ރަސްގެފާނާއި އިސްލާމީ ދުނިޔެއާ ދެމެދު އަހުދުނާމާއެއް ގާއިމްކުރެވުނެވެ. އެއީ ހައްޖާއި އުމްރާގެ ކަންކަން އޮމާންކުރުމާއި އަމާންކުރުމުގެ އަހުދުނާމާއެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް