ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފެން ހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހިގެ ދަށުން، ފެންހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސެޓްލްމެންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވްމަންޓް މަސައްކަތްތައް ކަމަށެވެ.
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް 53.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށައިފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. މީގެ އިތުރުންވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު