ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުއަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ލިބޭ އެއްވެސް މީހެއްގެ ޑީއެންއޭ އުދައްޔުގެ ގައިން ފެނިފައި ނުވާ ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.
އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.
މިއަދު ކުރިމިނަލް ކޯޓުގައި އޮތީ މި މައްސަލައިގެ ޑީއެންއޭ ތަހުލީލުކުރި އޮފިސަރުގެ ހެކިބަސް ނެގުމާއި ވީޑިއޯ ފޫޓޭޖު ތަހުލީލުކުރި އޮފިސަރުގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކެއް ތައްޔާރުކުރި ދެ ފުލުސް އޮފިސަރުންގެ ހެކިބަސް ނެގުމެވެ.
ހެކިބަސް ދެމުން ޑީއެންއޭ ތަހުލީލުކުރި އޮފިސަރު ބުނީ، އުދައްޔު ލައިގެން ހުރި އެއްޗެހިން ނެގި ޑީއެންއޭއިން އިން ދައުވާ ލިބޭ މީހުންގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަނިޔާ ލިބުނު އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރުގެ ޓީޝާޓުން ދައުވާ ލިބޭ ކުޑަކުއްޖާގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
ހެކިބަސް ދެމުން ވީޑިއޯ ފުޓޭޖެއްގެ ތަހުލީލު ކުރި އޮފިސަރު ބުނެފައިވަނީ އުދައްޔުއަށް ހަމަލާދިން ކަމަށް ބެލެވޭ ވީޑިއޯ ނަގާފައިވަނީ ވަރަށް ދުރުން ކަމަށްވާތީ މަންޒަރު ސާފު ނޫން ކަމަށެވެ.
އުދައްޔުގެ ހަށިގަނޑު ބަލައި ފާސްކޮށް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ހެކިވެރިޔަކު ބުނީ، އުދައްޔުގެ ބުރަކަށީގައި ތިން އިންޗީގެ ޒަހަމެއް ހުރިއިރު ކަރުގައި ވަކި ދަމާފައި ހުރި ކަމަށެވެ. އަދި ފަޔާއި ފައިތިލަ އާއި މޫނުގައިވެސް ޒަހަމްތައް ހުރި ކަމަށެވެ.
މިއަދު ހަ މީހެއްގެ ހެކިބަސް ނެގުމަށް ތާވަލުކުރި ނަމަވެސް ދެ ހެކިވެރިޔަކު ކޯޓަށް ހާޒިރުނުވާތީ ނެގުނީ ހަތަރު މީހުންގެ ހެކިބަހެވެ.
މިއަދު ހެކިބަސް ނެގި ހެކިވެރިން ހިމަނައިގެން މި މައްސަލައިގައި މިހާތަނަށް އަށް މީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އޭގެ ތެރޭގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރުގެ ހެކިބަސްވެސް ހިމެނެއެވެ. މާދަމާ ވެސް މި މައްސަލައިގައި ހެކިބަސް ނެގުމަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.