ޚަބަރު

ހެއްކާބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލަން އެދިއްޖެ

އަލީ ޔާމިން

ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގޮވާލައިފިއެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތީ އެ މާއްދާ ފުޅާކޮށް މާނަކޮށް، ބާރުގަދަ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށް ކަމަށެވެ.

މިފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމްވެފައި ނެތް ގައުމެއްގައި ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިންވެސް އެނގިގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެކަމުގެ ސަބަބުން ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރުވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށާއި ނޫސްވެރިން ޖަލަށްލުމުގެ ފުރުސަތުވެސް އޮތް ކަމަށް ބުންޏެވެ.

މަސްދަރު ހިމާޔަތް ކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކޮށް އެބަޔާނުގައި ބުނީ، ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވެނީ މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމުތައް ހަރުދަނާކޮށް ބައްޓަންވެފައި އޮތުމުން ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމް ނުކުރެވި، މި ބިލު ގާނޫނުކަށް ވެއްޖެނަމަ އެއީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށްވެސް ބުންޏެވެ.

އެ ބަޔާނުގައި ބުނީ، އެ ބިލް ގާނޫނަކަށް ވެއްޖެނަމަ، ފޮރުވިގެން ތިބެ ނޫސްވެރިންނަށް މައުލޫމާތު ދޭން ތިބި، ވިސަލް ބްލޯވަރުންވެސް މައުލޫމާތުދޭން ފަސް ޖެހޭނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލަތަކާއި ކޮރަޕްޝަންގެ އަމަލުތަކާއި އެހެނިހެން ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކުރުމަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.

އެ ބަޔާނުގައި އެމްޖޭއޭ އާއި އެޑިޓާސް ގިިލްޑުން ގޮވާލާފައިވަނީ، ބިލުގައިވާ މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" ބިލުން އުނި ކުރުމަށެވެ. އަދި މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތައް ބިލްގައި ހަނިކުރުމަށެވެ.

ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ވެސް ބިލް އިސްލާހުކުރުމަށްވެސް ގޮވާލައިފައިވެއެވެ. އަދި ތުހުމަތު ކުރެވޭ ފަރާތްތަކަށްވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނި ކުރުމަށާއި "ނޫސްވެރިޔާ" މާނަކުރާ ގޮތް؛ "މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން" ލިބޭ މައުލޫމާތު މިގޮތަށް ބަދަލު ކުރުމަށްވެސް ގޮވާލައިފައިވެއެވެ.

މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫންވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މިނޫނަސް އެ އެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން" ވެސް އެ ޖަމިއްޔާތަކުން ގޮވާލައިފައިވެއެވެ.

އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަން ފާހަކޮށް، އެމްޖޭއޭ އާއި އެޑިޓާޒް ގިލްޑުން ބުނީ، އެ ޖަމިއްޔާތަކުން ހުށަހަޅަނީ މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށާއި ބިލްގެ 136 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަމްބަރު އުވާލުމަށެވެ.

މީގެ އިތުރުން މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކައި، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް މިމާއްދާގެ ތަފްސީލުގައި ބަޔާންކޮށްފައި އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުންޏެވެ.

ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ އެމްޖޭއޭއިންނާއި އެމްއެމްސީން ނޫސްވެރިންގެ ހައްގުގައި ބިލަށް ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި ކަމަށާއި ކޮމިޓީގައި ހަ މަސް ވަންދެން އޮތް މި ބިލު ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އަވަސްކޮށްލައިގެން ފާސް ކުރިއިރު، ކޮމިޓީން ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ ވަގުތެއް ދިން ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ބުންޏެވެ.

"މި ޖަމިއްޔާތަކުން ގޮވާލަނީ، ނޫސްވެރިކަމަށް ގެއްލުންވާ ގޮތަށް ބައްޓަން ކުރެވިފައިވާ އެ ބިލަށް ބަދަލުތައް ގެނައުމަށް އެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ނުކުރައްވައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމަ،" އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުގެ ބަޔާނުގައި ބުންޏެވެ.