ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި މައްސަަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ، މާޗު 31ގައި ހުކުމްކުރާ މަޖިލިސް ބޭއްވެވުމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އޭގެ ފަހުން އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު 15:00 އަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުން ނަދީމުގެ މައްސަލަ ހިމެނޭހެން އެ ސެކްޝަންގެ ހުރިހާ އަޑުއެހުމެއް މިއަދު ކެންސަލްކޮށްފައިވާ ކަމަށެވެ.
ނަދީމަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައި ވަނީ ޖުލައި 27، 2017ގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭގައި އޭނާ އިންދައެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސެއިން ސަލީމް، ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.
މަފާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ބާކީ ތިބި މީހުންގެ މައްޗަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ކުރާ ދައުވާތަކަށް ހަތަރު މީހުންވެސް ވަނީ އިންކާރުކޮށްފައެވެ.
އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި، ނަދީމުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ސިކުނޑި ދުޅަވެފައިވާ ކަމަށެވެ. އަދި ނަދީމު މަރުވީ ސިކުނޑި ދުޅަވުމުގެ ސަބަބުންނާއި ބޮލުގެ ނާށިގަނޑުގެ ބޭރަށް ސިކުނޑީގެ ބައެއް ނުކުތުމުން ކަމަށް މީގެ ކުރިން ނަދީމުގެ މެޑިކޯ ލީގަލް ތައްޔާރުކުރި ޑޮކްޓަރު ހެކިބަސް ދީފައިވާ ކަމަށެވެ.
ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި 11 ސިއްރު ހެކިވެރިން ހުށަނޭޅުނީ ހެކިވެރިންނަށް ބިރު ދެއްކުމުން ކަމަށް ޕޮލިސް އިންޓެލިޖެންސް ރިޕޯޓާ ހަވާލާދީ ދައުލަތުން ވިދާޅުވެފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި އޭގެ ތެރެއިން ދެ ހެކިވެރިޔަކަށް ތޫނު އެއްޗަކުން މާފާޒު، ނަދީމަށް ހަމަލާދެނިކޮށް ފެނިފައިވާ ކަމަށް ހެކިބަސް ދިނަސް، ފަހުން އެ ދެ ހެކިވެރިން ހެކިބަސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެ ދެ ހެކިވެރިން ހެކިބަސް އަނބުރާ ގެންދިޔައީ ބިރު ދައްކާފައިވުމުންކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެގޮތަށް ދައުލަތުން ވިދާޅުވެފައިވަނީ އެ މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓަށާއި ތަހުގީގަށް ރިއާޔަތް ކޮށެވެ. ދައުލަތުން އެދުނީ މައްސަލައިގެ ހުކުމް ބިނާކުރާއިރު، އެ ދެ ހެކިވެރިންގެ ހެކިބަހަށް ބުރަދަން ދީގެން ހުކުމް ބިނާ ކުރުމަށެވެ.
ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަދީމުގެ ހުރިހާ ވާރިސުން މަރަށް މަރު ބޭނުންވާނަމަ މަފާޒަށް މަރުގެ ހުކުމް އަންނާނެއެވެ. ވާރިސުންގެ ބަސް ހޯދާނީ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުންނެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ފަރާތުން އިއްވި ހުސާލާ ބަޔާނުގައިވަނީ ޓާމިނަލް ކެފޭއަށް ފުރަތަމަ ދިޔަ ދެ ފުލުހުންގެ ހެކިބަހަށް ބަލާއިރު، އެތަނުގެ މޭޒެއްގައި ގިނަ އަދަދެއްގެ މީހުން ތިބިކަމަށް ބުނެފައިވާ ކަމަށާއި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މީހަކަށް ނުވަދެވޭ ގޮތަށް އެތަން ބަންދުކުރިއިރު، ރެސްޓޯރަންޓު މަތީ ފްލޯއިން ހިދުމަތް ލިބިގަންނަން ތިބި ފަރާތްތަކަށް ނުކުމެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި އެއިރު އެތަނުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ އެ ހާދިސާ ލޮލަށް ފެނުނު މީހުންނަށް ވުމުގެ އިހުތިމާލު އެބައޮތް ކަމަށާއި އެކަމުގައި ބައިވެރިވި ފަރާތެއް ހުރުމުގެ އިހުތިމާލުވެސް އެބައޮތް ކަމަށެވެ. މި އެންމެން ފޮނުވާލިއިރު، ފުލުހުން އެމީހުންގެ ނަން ނޯޓުކޮށްފައި ނުވާ ކަމަށް ބުނެފައުވެއެވެ.
މީގެ އިތުރުން ދިފާއުން ބުނެފައިވަނީ މައްސަލައިގައި މަންޒަރު ދުށް ކަމަށް ބުނާ މީހުންގެ ހެކިބަހާ ގުޅޭގޮތުން ހަ ސިއްރު ހެއްކެއް ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ނަދީމަށް ހަމަލާދިން މީހުން މާސްކު އަޅައިގެން ތިބުމުން މޫނު ސާފު ނުވާ ކަމަށް ސިއްރު ހެކި ތިނެއް އަދި ނުވައެއްގެ ހެކިބަހުން އެނގޭ ކަމަށެވެ. މީގެ އިތުރުން ސިއްރު ހެކި ހަތެއް ހެކިބަސް ދެމުން ކެފޭ ތެރެއިން ބަޔަކު ނުކުމެގެން ދިޔަތަން ފެނުނު ކަމަށާއި ދައުވާލިބޭ މީހުންގެ ތެރޭގައި އެ ދުވަހު ތިބި މީހުން ތިބިކަން ފާހަގަ ނުވާ ކަމަށް ދިފާއުން ވަނީ ބުނެފައެވެ.
ޝަފަހީ ހެކިންގެ ހެކިބަހާ ގުޅޭގޮތުން ދިފާއުން ބުނީ، ޓާމިނަލް ކެފޭ ތެރޭގައި އެވަގުތު ތިބި ބައެއް މީހުންގެ ހެކިބަސްތަކުން ނަދީމަށް ހަމަލާދިނީ މަފާޒު ނޫން ކަމަށް ޔަގީންކޮށްދީ ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ދައުވާލިބޭ އެއްވެސް މީހަކު އެރޭ ކެފޭއަށް ނުދާކަމަށް ވެސް ހެކިބަސް ދީފައިވާ ކަމަށެވެ.
އެގޮތުން ހާދިސާ ހިނގި ތަނުގައި ތިބި ކަމަށް ނުވަ ހެކިވެރިއަކު ހެކިބަސް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެންގެ ހެކި ބަހުންވެސް އެނގެނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިކަމުގައި ހިމެނޭކަން ކަމަށާއި ދައުވާ ލިބޭ އެއްވެސް މީހަކު އެތަނުން ފެނުނު ކަމަށް ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް އެންމެން ވެސް އެ ހާދިސާގެ މަންޒަރު ދުށް ކަމަށް ހެކިބަހުން އެނގޭކަން ދިފާއުން ފާހަގަކުރިއެވެ.
މި މައްސަލައިގައި ދައުލަތުން ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭގައި ނަދީމް އިންދައި ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށާއި އެ ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދިނީ މަފާޒު ކަމަށެވެ. އެ ގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާއިން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާދީފައިވާތީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު