Close
ލައިފް ސްޓައިލް

ލޮޓަސް އާއްޓެއަށް: އީދުގައި ބައްޕަ ނެތީމަ ވަރަށް ދެރަވޭ، ބައްޕަ ފޮނުވައިދީފި ނަމަ ވަރަށް އުފާވާނެ

ރިފާ ހަލީލު

2

"ޑިއާ ބޮސް. އުއްމީދު ކުރަން ހާލު ރަނގަޅުވާނެ ކަމަށް. ވަރަށް ގިނަ އީދުތައް ބައްޕަ އާއި ނުލައި ފާހަގަކޮށްފިން. އެކަމާ ވަރަށް ދެރަވޭ. ބައްޕަ އަޅުގަނޑުމެން ގާތަށް، މި އީދަށް ފޮނުވައިދީފިނަމަ ވަރަށް އުފާވާނެ."

މިއީ މަޝްހޫރު ވިޔަފާވެރިވެރިޔާ އިބްރާހިމް އާރިފް (ލޮޓަސް އާއްޓެ)އަށް އޭނާގެ މުވައްޒަފެއްގެ ދަރިފުޅު މިދިޔަ ހޮނިހިރު ދުވަހު ފޮނުވި ސިޓީއެއްގައި ލިޔެފައިވާ އިބާރަތެކެވެ. މިއީ ވަރަށް މާނަފުން އިބާރާތެކެވެ. މާނަފުން އަދި ލޯބި ސިޓިއެކެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންނަށް ބައެއް ފަހަރު ގައުމަށް ދެވޭނީ އެތައް އަހަރެއް ކޮށްފައެވެ. އާންމުކޮށް އެމީހުން ކޮށްއުޅެނީ ވީޑިއޯކޯލެވެ. އޭގެ ޒަރިއްޔާއިން ނޫން ގޮތަކަށް އާއިލާ މީހުން ފެންނަގޮތެއް ނުވެއެވެ.

އާއްޓެ ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ކުޑަ ކުޑަ ކަރުދާސްކޮޅެއްގައި ލިޔެފައިވާ އިބާރާތްކޮޅަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ސިޓީއާ ގުޅޭގޮތުން އާއްޓެ "ވަން" އަށް ވިދާޅުވިގޮތުގައި، މިއީ މީގެ 16 އަހަރު ކުރިން އޭނާގެ ބައްޕަ ބަލަހައްޓަން ގެނައި ބަންގްލަދޭޝް މީހެއް ކަމަށްވާ މުޒައްމިލްގެ ދަރިފުޅު އިއްޔެ އޭނާއަށް ފޮނުވި ސިޓީއެއް ކަމަށެވެ.

"އަޅުގަނޑުގެ ބައްޕަ ދުނިޔޭގަ ހުރި އިރު ބައްޕަގެ ބައެއް ކަންކަން ބަލަހައްޓަންވެގެން މުޒައްމިލް ގެނައީ. އެއްވެސް ޝަކުވާއެއްނެތި ބައްޕަ ބަލަހައްޓަމުންދިޔައި ވަރަށް ރަނގަޅަށް. ބައްޕަ ނިޔާވީމަ މުޒައްމިލް ދެން ގައުމަށް ދިޔަ. އޭގެ ފަހުން އެނބުރި ރާއްޖެ އައިސް އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ ކަންކަން ބަލަން ހުރީ. އަޅުގަނޑުގެ ދޮށީ ދަރިފުޅަކީ ބަލިކުއްޖެއް." މުޒައްމިލް އާ ގުޅޭގޮތުން އޭނާ ވިދާޅުވިއެވެ.

އާއްޓޭގެ ދަރިފުޅު ބަލަހައްޓަމުން ދަނިކޮށް ދަރިފުޅަށް ރާއްޖެއިން ފަރުވާ ނުދެވި ސްރީލަންކާއަށް ބަދަލުވި ކަމަށާއި އެތަނުގައިވެސް މުޒައްމިލް ދެ އަހަރުދުވަސް ވަންދެން ދަރިފުޅުގެ ކަންކަމުގައި އުޅުނު ކަމަށް އާއްޓޭ ވިދާޅުވިއެވެ. އޭގެ ފަހުން އާއްޓޭގެ ދަރިފުޅުގެ ހާލަތު ގޯސްވެ އިތުރު ފަރުވާއަށް ބެންކޮކަށް ދާންޖެހުމުން މުޒައްމިލަށް ވިސާ ނުލިބުމުގެ ސަބަބުން އޭނާ އެނބުރި ރާއްޖެ އައެވެ.

އާއްޓެ ވިދާޅުވިގޮތުގައި މުޒައްމިލް އެނބުރި ރާއްޖެ އައިސް ހުރީ ލޮޓަސްގެ ފިހާރައެއްގައެވެ. މިހާރު ލޮޓަސް ބާޒާރުގެ މެނޭޖަރަކަށް މުޒައްމިލް ހަމަޖައްސާފައިވާއިރު ކޮންމެ އަހަރަކުވެސް އޭނާ ގައުމަށް ފޮނުވާ ކަމަށް އާއްޓެ ވިދާޅުވިއެވެ.

މުޒައްމިލްގެ ދަރިފުޅު އާއްޓެއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިއީ އާއްޓޭގެ "ފޭވަރިޓް އައިމަން" ކަމަށެވެ. އަދި އޭނާ ވަރަށް ގިނަ އީދުތައް ބައްޕައާ ނުލައި ފާހަގަކޮށްފައިވާ ކަމަށާއި އެކަމާ ވަރަށް ދެރަވާ ކަމަށެވެ. އަދި މި އީދަށް ބައްޕަ ގައުމަށް ފޮނުވައިދީފިނަމަ ވަރަށް އުފާވާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އާއްޓޭ ވިދާޅުވީ މި އީދަށް މުޒައްމިލް ގައުމަށް ދާން ހުއްދަ ދީފައިވާ ކަމަށެވެ. އަދި މުޒައްމިލް އަކީ އިހުލާސްތެރި މުވައްޒަފެއް ކަމަށާއި މުޒައްމިލްގެ ދަރިފުޅަކީ އޭނާވެސް ވަރަށް ލޯބިވާ ކުއްޖެއް ކަމަށެވެ.

މި މެސެޖު ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު ވަނީ އެކުއްޖާގެ ބައްޕަ ފޮނުވައިދޭން އާއްޓެ ކައިރީގައިބުނެފައެވެ. އަދި އާއްޓެ އަކީ މިފަދަ ކަންކަމުގައި ނަމޫނާ ދައްކަވާ ބޭފުޅެއް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟