ރާއްޖޭގައި ކުޑަކުދީންނާއި ޒުވާނުން އެންމެ ގިނައިން މަރުވާ އެއްސަބަބަކީ މަގުމަތީގެ އެކްސިޑެންޓުތައް ކަމަށް މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށް ދިޔަ ހައިލެވެލް މީޓިން އޮން ގްލޯބަލް ރޯޑްސޭފްޓީގައި ބައިވެރިވެވަޑައިގެން މި މަހުގެ އެއްވަނަ ދުވަހު ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ނަހުލާ ދެއްކެވި ވާހަކައިގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވައިލައިފައިވާ "ޕްލޭން ފޮ ޑިކޭޑް އޮފް އެކްޝަން ފޮ ރޯޑް ސޭފްޓީ" އަށް ރާއްޖެއިން ފުރިހަމަޔަށް ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ސިޔާސީ ބާރުވެރިކަން ހޯދުމަށް އިތުރު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަގުމަތީގެ އެކްސިޑެންޓު ތަކާއި ޓްރެފިކާ ގުޅުން ހުންނަ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު، 2030 ވަނަ އަހަރު އަންނަ އިރު 50 ޕަސެންޓު ދަށް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ރާއްޖެއިން ގަދައަޅައި މަސައްކަތްކޮށް އެއްބާރުލުން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް ޓަކައި، މަގުމަތީގެ އަމާން ކަމާއި ރައްކާތެރިކަން ކަށަވަރުކުރުން އިންތިހާއަށް ބޭނުންތެރިވެފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ، މަގުމަތީގެ ޓްރެފިކާ ގުޅޭ އެކި އެކި ހާދިސާތަކުގައި އަހަރަކު ގާތްގަނޑަކަށް 1.3 މިލިއަން މީހުން މަރުވާ ކަމަށެވެ. މީގެ އިތުރުން އަހަރަކު 50 މިލިއަން މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބޭކަންވެސް މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ފަދަ ހާދިސާތަކުގެ ތެރެއިން 90 ޕަސެންޓް ހާދިސާ ހިނގަމުންދަނީ އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކާއި މެދުފަންތީގެ ގައުމުތަކުގައެވެ. އެހެންކަމުން މަގުމަތީގެ ރައްކާތެރިކަމާ ގުޅިފައިވާ މި މައްސަލައަކީ ސިއްހީ އަދި އިގްތިސޯދީ މައްސަލައަކަށް ވެސް ވެފައިވާ ކަން ސާފުކޮށް އެބަ އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތަށް އަލިއަޅުއްވައިލައްވައި މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ގޮތްތަކަށް ވިސްނައި، ޓްރެފިކާ ގުޅުން ހުރި ކަންކަން ވެސް އެމަގުން ޑިޒައިން ކުރުން ވަނީ މުހިންމު ވެފަ އެވެ. ސިއްހީ ގޮތުންނާއި ދިރިއުޅޭ މާހައުލުގެ ހާލަތުވެސް ވަޒަން ކުރެވިގެން، މިފަދަ ކަންކަން ތަންފީޒުކުރުން އިތުރަށް ބޭނުންތެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނިއުޔޯކުގައި ކުރިޔަށް ދިޔަ ހައިލެވެލް މީޓިން އޮން ގްލޯބަލް ރޯޑްސޭފްޓީގައި 19 ގައުމެއްގެ ކަމާ ގުޅުން ހުރި ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.