އުމުރުން އެންމެ 6 އަހަރުގެ މިކުޑަކުޑަ ފިރިހެން ކުއްޖާ އުފުލަމުންދަނީ ވަރަށް ބޮޑު ވޭނެކެވެ. ވޭތުވެދިޔަ ދެއަހަރު ދުވަހު މިކުއްޖާ އުފުލަމުން އަންނަ ވޭނަށް މިހާ ހިސާބަށް އައިއިރު ޝިފާއެއް ނުލިބެއެވެ. މިއީ ތިންކުދިންގެ ޒުވާން މަންމައެއްގެ ދެލޮލުގެ އަލިކަންފަދަ، އެމަންމަގެ އަލަތު ފިރިހެން ދަރިފުޅެވެ.

ގދ.ކަނޑުހުޅުދޫ ކަށިކެޔޮމާގޭ ވަފާ އަބްދުﷲ އާއި ގދ.ފަރެސްމާތޮޑާ/ކޯނާ ހޫދު އަބްދުލްޣަފޫރު މިހާރު އުޅެމުން އަންނަނީ އެކުގައި ކަމަށްނުވިޔަސް އެދެމީހުންނަށް ލިބުނު ދަރިފުޅު ހުޒައިލްބިން ހޫދު އަބްދުލްޣަފޫރުގެ ގައިގައި އަޅަމުން އަންނަ ވޭން ދެމީހުންގެ ގައިގައިވެސް އަޅައެވެ.

މިދަރިފުޅުގެ އުމުރުން އެންމެ ހަތަރު އަހަރުގައި އެއްދުވަހަކު، ކުޅެން ހުރެފައި ހަމަ ކުއްލިއަކަށް ވެއްޓުނީއެވެ. އޭރު ވަފާ އިނީ ހަގު ދަރިފުޅު ނިންދެވުމަށް ގޭތެރޭގައެވެ. ބޭރުގައި، ކުޅެން ހުރި ހުޒެއިލްގެ ނަމުން މާބާރަށް ގޭގެ އެހެން ބަޔަކު ބިރުގަންނަ ފާޑެއްގެ، ތަފާތު އަޑަކުން ގޮވި އަޑު އިވެން ފެށުމުން ވަފާ ބޭރަށް ނުކުތްއިރު، ބޮޑުދައިތައަކު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދާން ނުކުމެއްޖެއެވެ. ވެއްޓުނީ ކިހިނެއްވެގެންކަމެއް ހޮސްޕިޓަލަށް ދިޔައިރުވެސް ވަފާއަކަށް ނޭނގެއެވެ.

އެންމެ ފުރަތަމަ ވެގެން އުޅޭ ގޮތެއް ޑޮކްޓަރުންނަކަށް ވެސް ނޭނގެއެވެ. ކުޑަކުދިންގެ ނާރުގެ ޑޮކްޓަރަކަށް ދެއްކުމުން އެމްއާރްއައިއެއް ހެއްދުމަށްފަހު ޑޮކްޓަރު ދިން ހަބަރަކީ ވަފާއަށް މިހާތަނަށް ލިބުނު އެންމެ ހިތާމަވެރި، ސިހުން ކުރުވި ހަބަރެވެ. ދަރިފުޅަށް ޖެހެނީ ފިޓުކަމާއި ސިކުނޑީގައި ހުރި ލޯވަޅެއްގެ ސަބަބުން އަދި ބައެއް ނާރުތައް އެއްތަނަކަށް ބޮލުގެ ފަހަތަށް ޖަމާވެފައި ހުރުމުން ވާ ކަމެއްކަމަށް ޑޮކްޓަރު ބުންޏެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެއަހަރު ދުވަސް ހޭދަވެގެން ދިޔައީ އެކި ގޮތްގޮތަށް ހުޒެއިލަށް ފަރުވާ ދިނުމުގައެވެ. ކޮންމެ ފަހަރަކުވެސް އާއުއްމީދަކާއެކު އާބޭހަކާ ހަމައަށް ދިޔަކަމުގައި ވިޔަސް އެއްވެސް ބަދަލެއް ނައިސް ފިޓު ޖެހުން ދިޔައީ ދޭތެރެ ގާތްވަމުން، އިތުރުވަމުންނެވެ.

ދަރިފުޅަށް ޖެހެނީ ފިޓުކަން އެނގުނަސް، ފިޓެއް ޖެހުމުން ހަދާނެ ގޮތެއްވެސް ދާދިފަހަކާ ޖެހެންދެން ވަފާއަށް އޮތީ ނޭނގިއެވެ. ކުޑަކުޑަ ދަރިފުޅުގެ ދުލަށާއި ތުންފަތަށް އަދި ގައިގެ އެހެންތަންތަނަށްވެސް ވެފައި ހުންނަ އަނިޔާތައް ފެނުމުން ވަފާއަށް ރޮވެއެވެ. ގިސްލެވެއެވެ. ދެމުން އަންނަ އެއްވެސް ބޭހަކުން ހުޒެއިލުގެ ފިޓުޖެހުމަކަށް އެއްވެސް ލުޔެއް ނުލިބެއެވެ. ސުކޫލުގައި ހުއްޓާ ފިޓު ޖެހިގެން މުދައްރިސު ގުޅާފައި އެހަބަރު ދިނުމުން ވަފާއަށް ކުރާ އަސަރު ބޮޑެވެ. އެތައް އެތައް ގޮތަކުން ދަރިފުޅުގެ މިބައްޔަށް ފަރުވާއެއް ލިބޭނެ ގޮތަކާމެދު ވަފާ ދިޔައީ މެދުކެނޑުމެއް ނެތި ދުއާކުރަމުން، އެކި ޑޮކްޓަރުންނާ މަޝްވަރާ ކުރަމުންނެވެ. އެންމެ ފަހުން ދާދި އިހަކަށް ދުވަހު ކަހަލަ ގޮތަކަށް ޑޮކްޓަރުން ލަފާދިނީ ރާއްޖެއިން މި ކަމަށް ދެވޭނެ ފަރުވާއެއް ނެތްކަމަށާއި ރާއްޖެއިން ބޭރުން ސާޖަރީ ހެދުމަކީ އޮތް ހަމައެކަނި ހައްލުކަމުގައެވެ.

"ވެއްޓިފަ، ދޫވެސް ކަޑައިގެން ގޮސް އަނގައިން ފޮނުއަރާފަ ހުންނާނީ، ވަރަށް ފަހުން އެނގުނީ އަރިއަކަށް ވަކި ގޮތަކަށް ކަން ބާއްވަން ޖެހެނީވެސް، ދަރިފުޅު ހިނިތުންވެފައި ހުއްޓަސް، ކިތަންމެ މަޖާ، އުފާވެރި ކަމެއްގައި ހުރެފަވެސް ހަމަކުއްލިއަކަށް ފިޓު ޖެހިދާނެ. ވިދިވިދިގެން ދިހަބާރަ ފަހަރުވެސް ޖެހިދާނެ. އެއީ ވަރަށް ހިތަށް އަސަރު ކުރާ މަންޒަރެއް. ކުރި އެއްވެސް ބޭހަކުން އެއްވެސް އަސަރެއް ނުކުރޭ. ސާޖަރީ ހަދަން ރާއްޖެއިން ބޭރަށް ގޮސް އުޅުމުގެ ހަރަދު ކުރެވޭހާ ފޯރުންތެރިއެއްނޫން. އެކަމަކު ފަރުވާ އަވަސްވެސް ކުރަންވެސް ބޭނުން. އޮތީވެސް ކުޑަކުޑަ ވަގުތުކޮޅެއް،"

ހުޒެއިލުގެ މަންމަ ވަފާގެ އަޑު ހުރީ ބެދިފައެވެ. މަންމައެއްގެ ހިތަށް މިފަދަ ކަމެއްގައި ކުރާނެ އަސަރު ވަރަށްވެސް ބޮޑުވާނެކަން ގައިމެވެ. ހުޒެއިލުގެ ފިޓުޖެހުމުގެ މިމައްސަލައަކީ ސިކުނޑިއާ ގުޅުން ހުރި ކަމެއްކަމަށްވާތީ ވީހާވެސް އަވަހަށް ފަރުވާ ލިބުމަކީ ހުޒެއިލުގެ ފުރާނައަށް އޮތް އެންމެ ރައްކާތެރި ގޮތެވެ.

ދިރިއުޅުމުގެ ހަރަދުތަކާއި ތިން ކުދިންގެ ކަންތައް ކުރަނީ ފިރިމީހާއަށް އެކަނި ލިބޭ އާމްދަނީންކަމަށް ވެފައި، ހުޒެއިލުގެ އުފަން ބައްޕަގެ ގައިގަވެސް އެފަދަ ތަނަވަސްކަމެއް ނެތުމުން ވަގުތުން ވަގުތަށް ފުރައިގެން، ދަރިފުޅަށް ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގައި ވަފާ ވަނީ ނުކުޅެދިފައެވެ. އާއިލާގައި އެފުދުންތެރިކަން ނެތުމުން ވަފާވަނީ މިއަދު ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

އާސަންދަ ލިބިފައި އޮތް ކަމުގައި ވިޔަސް އެވަރުގެ ކުޑަކުއްޖަކު ގޮވައިގެން އެކަނި ރާއްޖެއިން ބޭރުގައި އެތައް ދުވަހަކު ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އަމުދުން ހުޒެއިލަކީ ނޭނގި ހުއްޓާ، ހަމަ ވަކި މިވެނިކަމަކާ ހެދި ނޫނަސް، ފިޓު ޖެހޭ ކުއްޖެއްކަމުން، ފަރުވާ ފެށުމުގެ ކުރިން، ދަތުރު މަތީގައި އަދި ގޮސް އުޅުމުގެ ތެރޭގައި، ފިޓުޖެހިއްޖެނަމަ، ދަރިފުޅު ގެންގުޅެން ދަތިކަމުން، ފަރުވާ ފެށެންދެންވެސް އެކަނި އުޅޭން ދަތިވާނެތީ، ވަފާ ބޭނުންވަނީ، އެހީތެރިޔަކާ ވެސް އެކުގައި ދިއުމަށެވެ.

އަންނަ އޮގަސްޓު މަހުގެ ކިޔެވުން ފެށެންވާއިރަށް، ދަރިފުޅު ރަނގަޅުވެގެން އަލުން އަނބުރާ ކިޔަވަން ދިއުމަކީ ވަފާގެ އެންމެ ބޮޑު އެއް އުއްމީދެވެ.

"ވަން" އިން އެދެނީ މި ކުޑަކުޑަ ކުއްޖާއަށް އަވަސް ޝިފާއެކެވެ.

  • MVR Acc 7730000221369 ވަފާ އަބްދުﷲ(ދަރިފުޅުގެ މަންމަ)
  • DOLLAR Acc 7730000127953 ފާތިމަތު ވަހީދާ(ދަރިފުޅުގެ މަންމަފަރާތު މާމ،)
  • އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅޭނެ ނަންބަރު
  • 9486803، ވަފާ އަބްދުﷲ، ހުޒެއިލުގެ މަންމަ.