އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ތައްޔާރުވުމުގެ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައިފިއެވެ.
އައިޖީއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ދެ ޖިންސުގެ ދިވެހި ޒުވާނުން ކަމަށެވެ. އަދި އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން ހިމެނޭ މި ޓީމުގައި، އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.
- ހުސައިން އައްސަދު، ރ. އަލިފުށި
- ހުސައިން ރިޒާމް، މާލެ
- އަހްމަދު އިޖާޒް އަބްދުالله، އއ. ބޮޑުފުޅަދޫ
- މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
- މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
- މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
- މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ
މި ޓީމުން މިހާރު ވަނީ، ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފައެވެ. ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް، ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.
ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް އިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗްކޮށްދިނުމުގައި އެހީތެރިކަން ފޯރޮކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.
އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ.
"ޓީމު ތަމްރީނުކޮށް ނިންމައި، ސެޓެލައިޓް ޑިޒައިން ފައިނަލްކޮށް، ހާޑުވެއާ އޯޑަރު ކުރެވިއްޖެ. ކޮވިޑުގެ ބަލިމަޑުކަމާއި އިގުތިސޯދީ ދަތިތަކާއި ލޮކްޑައުންގެ ގޮންޖެހުމާއެކުވެސް އަޅުގަނޑުމެންނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ،" ރިފްއަތު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓެލައިޓް ހަދައި ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން، އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު