ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަޝްވަރާއަށް ހުށަހަޅައިފިއެވެ.
ރިޔާސީ ކޮމިޝަނުގެ ތަހުގީގަށްފަހު ކޯޓު އަމުރުގެ ދަށުން އެ މައްސަލައިގައި ހައްޔަރުކުރީ މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، ދަފްތަރު، އަހްމަދު މުއާޒް، 40، އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، އެވެ. ކުރިމިނަލް ކޯޓުގެ އަމުރަށް މި ތިން މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ އެ ތިން މީހުންގެ މައްސަލަވެސް ޕީޖީ އޮފީހަށް މިދިޔަ އާދީއްތަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ މައްސަލަ ވެސް ކުރިއަށް ގެންދަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން ޕީޖީ އޮފީހުގެ މަޝްވަރާ އާއި ލަފާގެ ދަށުން ކަމަށް ޝަފީއު ވިދާޅުވިއެވެ.
"ހައްޔަރުކުރި ދުވަހު އަޅުގަނޑުމެންނަށް ހުށަހަޅާފައި ވަނީ. އަޅުގަނޑުމެންގެ ލަފަޔާއި މަޝްވަރާގެ ދަށުން ޑިއުޓީ ޕްރޮސެކިއުޝަނުން މައްސަލަ ކުރިއަށްގެންދަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ ތިން މީހުންނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އެ ހެކިތަކުގެ ތަފްސީލު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ގެއްލިފައިވާ މީހުންނާއި މަރައިލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އިސޫއަކީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާރަލީ އެކަކެވެ. އަދި އޭނާ އަކީ ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން ދާން އުޅުނު ކަމަށް ހައްޔަރުކޮށް ދައުވާ ވެސް ކުރި މީހެކެވެ. އެ ދައުވާ ސާބިތުނުވީ، ތުރުކީ ސަރުކާރުގެ ލިއުމެއް ނެތުމުން ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން މީގެ ކުރިން ވެސް ތުހުމަތުކުރާ މީހެކެވެ.
ގަޓު މުއާއަކީ 2014 ވަނަ އަހަރު ވެސް ޔާމީން އާއި ރިލްވާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހެކެވެ. އޭނާ ހައްޔަރުކުރީ ރިލްވާން މަސައްކަތްކުރި މިނިވަން ނިއުސް ހިންގާ އޮފީހުގެ ސީސީޓީވީ ކެމެރާ ވަގަށް ނަގައި ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލައެއްގެ ތުހުމަތަށެވެ. ނަމަވެސް އޭނާގެ މައްޗަށް އެ ތުހުމަތު ސާބިތުވެފައެއް ނުވެއެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.
އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު