އަންނަ ނޮވެންބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ހުއްދަ ދީފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

އޮފްސައިޑު ދެނެގަނެވޭނެ އާޓިފިޝަލް އިންޓަލިޖެންސް ޓެކްނޮލޮޖީ ބޭނުންކުރާ އާދަޔާހިލާފު ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ އެންމެ ފުރަތަމަ ޓެސްޓްކުރީ މިދިޔަ އޮކްޓޫބަރު މަހު ކުރިއަށްދިޔަ އަރަބް ކަޕްގައެވެ. އޭގެ ފަހުން މި އަހަރު ކުރީކޮޅުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ވަނީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ.

ޓެސްޓްތަކުގެ ނަތީޖާއަށް ބަލައި، ފީފާއިން ސެމީ އޮޓޮމޭޓެޑް ސިސްޓަމް ބޭނުންކުރަން އިއުލާން ކޮށްފައިވާ އިރު، ފީފާގެ ހެޑް އޮފް ރެފްރީސް، ޕިއާލުއީޖީ ކޮލީނާ ބުނެފައި ވަނީ "ނަތީޖާތައް ޕޮޒިޓިވް، އަދި ފީފާ އޮތީ ތައްޔާރަށް،" ކަމަށެވެ.

ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރުމަށް ބޯޅައިގައި ހާއްސަ ޗިޕެއް ހަރުކޮށްފައިވާނެއެވެ. ބޯޅައިގައި ހަރުކޮށްފައި ސެންސަރުން ބޯޅައިގައި ކުޅުންތެރިޔާ ޖަހާ ވަގުތު ދެނެގަތުމަށް ސިކުންތަކު 500 ފަހަރަށް ޑޭޓާ ފޮނުވާނެއެވެ. އޭގެ އިތުރުން 12 ކެމެރާ 100 ޕަސެންޓް ސިންކްރޮނައިޒްކޮށް، ކޮންމެ ސްޓޭޑިއަމެއްގެ ފުރާޅުގައި ހަރުކޮށްފައިވާނެއެވެ. އޭގެ އިތުރުން ކޮންމެ ކުޅުންތެރިޔަކު ހުންނަތަން ވަކިވަކިން ބެލުމަށް 29 ޕޮއިންޓަކުން ޑޭޓާ އަބަދުވެސް ނަގަމުން ދާނެއެވެ. އެ ސިސްޓަމުގެ މެސެޖުތައް ފޮނުވަމުންދާނީ ވީއޭއާރްގެ ސިސްޓަމަށެވެ. ޑޭޓާ ވަގުތުން މެޗު ރެފްރީއާ ހަމައަށް ދިޔުމުން ވީއޭއާރް އެހީގައި ނިންމާ ނިންމުންތައް ބޮޑުތަނުން އަވަސް ވާނެއެވެ.

އާ އީޖާދުތަކާއެކު ފީފާއިން މެޗުގެ ރެފްރީންނަށް ރޮބޮޓް ބޭނުން ކުރަން އުޅޭ ކަމަށް ދެކެވިފައިވާ ވާހަކަތައް ކޮލީނާ ވަނީ ދޮގު ކޮށްފައެވެ. ގަތަރު ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ތައްޔާރުވުމުގެ ގޮތުން މުބާރާތަށް ނެގި ރެފްރީން އެ ކަންކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ސެމިނާތަކެއް ބާއްވާނެ އެވެ.

ވޯލްޑް ކަޕް ފަށާނީ މި އަހަރު ނޮވެމްބަރު މަހު 21 ވަނަ ދުވަހު ގަތަރުގެ ދޯހާގައެވެ.