ޚަބަރު

ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުހައްމަދު އިޝާން

އދ. ފެންފުށީގައި މިއަދު މޫދަށް އެރި އުޅެނިކޮށް ހިނގި ހާދިސާއެއްގައި ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ ތ.ދިޔަމިގިލީ/ ސީނުގެ، އީސާ ޖުނާހެވެ.

އޭނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވީ، ފެންފުށީ ކައުންސިލުގެ ރައީސް އަހުމަދު އަބްދުލް ޝުކޫރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ފޯން ކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ ހާދިސާގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރައްވައިފައެވެ. އަދި ރައީސް ވަނީ ފެންފުށީގައި ދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ނިޔާވި އީސާ ޖުނާހުއާއެކު ދެން އޮޔާ ދަމައިގެން 19 އަހަރުގެ ޒުވާނާއަށް އދ. މަހިބަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލުވެސް ސީރިއަސްއެވެ.

ފެންފުށީ ކައުންސިލްގެ ރައީސް މިއަދު "ވަން" އަށް ވިދާޅުވި ގޮތުގައި އީސާ ޖުނާހުއާއި 19 އަހަރުގެ ޒުވާނާ އެރަށު ތުނޑިއަށް ދިޔައީ ފޮޓޯ ނަގަންށެވެ. އަދި ދެ މީހުން މޫދަށް ދަމައިގަތީ ޖެހި ރާޅަކާއެކުގައި ކަމަށާއި އޭރު ކަނޑު ވަރަށް ގަދަ ކަމަށްވެސް ވިދާޅުވިއެވެ.