ޚަބަރު

ލަގްޒަރީ ބްރޭންޑް ބުލްގާރީގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ

މަޝްހޫރު ލަގްޒަރީ ބްރޭންޑް، ބުލްގާރީން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވަން ނިންމައިފިއެވެ.

ބުލްގާރީ ރިސޯޓް ރަންފުށީގެ ނަމުގައި ރ. އަތޮޅުގައި ހަދާ އެ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ 2025 ވަނަ އަހަރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނެޓުން ސީ ޕްލޭންގައި ދެވޭ ރާސްތާގައި އޮންނަ ރަށުގައި ހަދާ އެ ރިސޯޓަކީ ބުލްގާރީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހުޅުވާ 13 ވަނަ ތަނެވެ.

ބުލްގާރީ ހޮޓެލްސް އެންޑް ރިސޯޓުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، އިޓަލީގެ މަޝްހޫރު އާކިޓެކްޗާ ފާމަކުން ފަރުމާކުރާ އެ ރިސޯޓުގައި 33 ބީޗު ވިލާ އަދި 20 މޫދު ކޮޓަރިއާއެކު ޖުމުލަ 54 ކޮޓަރި ހުންނާނެ އެވެ. އޭގެ އިތުރުން ވަކިން އޮންނަ ކުޑަ ރަށެއްގައ،ި 'ބުލްގާރީ ވިލާ'ގެ ނަމުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިއެއް ހުންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރިސޯޓުގައި ސްޕާއަކާއި ޔޯގާ ޕެވިލިއަނެއްގެ އިތުރުން ބާއަކާއި ހަތަރު ރެސްޓޯރަންޓް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި، ތިން މިޝެލިން ސްޓާ ފެންވަރުގެ މަޝްހޫރު ޝެފް ނީކޯ ރޮމީތޯގެ ރެސްޓޯރަންޓެއްވެސް ހިމެނޭ ކަމަށް ބުންޏެވެ. އަދި ބުލްގާރީ ބްރޭންޑުގެ ތަކެތި ވިއްކާ ފިހާރައެއް ހުންނާނެ ކަމަށްވެސް ބުންޏެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ އަގު ބޮޑު ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ބުލްގާރީން މިހާތަނަށް ހޮޓާތައް ހިންގަމުން ދަނީ އިނގިރޭސިވިލާތުގެ ލަންޑަނާއި ފްރާންސްގެ ޕެރިހާއި ޔޫއޭއީގެ ދުބާއީ ފަދަ ބޮޑެތި ސިޓީތަކުގައެވެ.