ޚަބަރު

ބޮޑެތި ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް ހަ ޑޮލަރަށް ބޮޑުކުރަން ފާސްކޮށްފި

އަންނަ އަހަރުން ފެށިގެން ބޮޑެތި ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ހަ ޑޮލަރަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ 50 މެންބަރުންގެ ވޯޓާއެކުއެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅި އެ ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ގެސްޓްހައުސް، ހޮޓާތައް ގިންތިކޮށް ބޮޑެތި ގެސްޓްހައުސްތަކުން ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށާއި ޓޫރިސްޓް ހިދުމަތްތަކާ ބެހޭ ބައެއް ރަޖިސްޓްރޭޝަން ފީތައް އުވާލުމަށެވެ.

އެ ބިލުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 50 ކޮޓަރި އަށް ވުރެ މަދުން ކޮޓަރި ހުންނަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގާނީ މިހާރެކޭވެސް އެއްގޮތަށް ތިން ޑޮލަރެވެ.

އެއަށްވުރެ ބޮޑެތި ގެސްޓްހައުސްތަކަކީ ހޮޓާގެ ގޮތުގައި ބަލައި އެތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް އެ ގާނޫނު ފުރިހަމަ ވެގެންދާނީ އެކަން އިތުރަށް ތަފުސީލުކޮށް ޓޫރިޒަމް މިނިސްޓްރީން ގަވައިދުތަކެއް ހަދައިގެންނެވެ.

އެ ބަދަލުގެ އިތުރުން ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ނުވަތަ ފީނުމުގެ ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީކުރުމަށް ނަގާ ފީ އުވާލަން ބިލުގައި ހިމަނާފައިވެއެވެ.

އެ ބަދަލާއެކު ބިލު އިއްޔެ ފާސްކުރުމުން ހޮޓަލެއް ރަޖިސްޓްރީކުރަން މިހާރު ނަގާ 10،000 ރުފިޔާގެ ފީއާއި ގެސްޓްހައުސް އަދި ފީނުމުގެ ހިދުމަތް ދޭ ތަނެއް ރަޖިސްޓްރީކުރަން ނަގާ 5000 ރުފިޔާގެ ފީވެސް އުވާލެވުނީއެވެ.