ދުނިޔެ

އަދުގެ ދުނިޔެ: ނޭޓޯގެ ސަމިޓުން ފައިދާވީ އުއްމީދެއް ނޫނެވެ. ބިރުވެރިކަމެވެ.

އިމާދު ލަތީފު

މެޑްރިޑް 2022 ސަމިޓަކީ ނޭޓޯގެ ތާރީޚުގައި މިހާތަނަށް ބޭއްވުނު އެންމެ ތާރީޚީ އެއް ސަމިޓެވެ. ޖޫން އަށާވީހުން ތިރީހަށް ބޭއްވުނު މި ސަމިޓުގައި މުހިއްމު ނިންމުންތަކެއް ނިންމާފައިވެއެވެ. އޭގެތެރޭގައި ފިންލެންޑާއި ސުވިޑަން މި ޖަމާއަތަށް ވެއްދުމާއި ހުޅަނގުގެ ދިފާއީ ސަފުތައް އައުގޮތަކަށް ރުކުރުވައިލުން ހިމެނެއެވެ. މިހުރިހާ ނިންމުންތައް މިއައީ ޔުކްރޭނުގައި މިހާރު ހިނގަމުންދާ ހަނގުރާމައަށް އަމާޒުކުރެވިގެންނެވެ. ރަޝިޔާއާ ދެކޮޅުހަދައި ރަޝިޔާއަށް ޖެއްސުންކުރުމުގެ ގޮތުންނެވެ. ޔުކްރޭނުގެ މައްސަލަ ސީރިއަސްވަމުން ވަމުން އައިސް ހުޅުފަޅައިގެންދިޔުމުގެ ހަގީގީ ސަބަބަށް ރިއާޔަތް ކުރުމެއް ނެތެވެ. އެހެންވީމާ މި ސަމިޓުގެ ނިންމުންތަކުން ޔޫރަޕާއި ދުނިޔެއަށް ހަމަޖެހުމާއި ސުލްހަ އައުމަށްވުރެ ގާތްކަންބޮޑީ އިތުރު ކުރިމަތިލުންތަކާއި އިތުރު އުދާސްތަކެއް އުފެދިގެން ދިއުމެވެ.

ނޭޓޯއަކީ ހުޅަނގުގެ ދިފާއީ އައްޑަނައެވެ. މި އައްޑަނަ ވުޖޫދު ކުރެވުނީ ފިނިހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަނާ ދިމާކުރުމަށްޓަކައެވެ. މިހާރު ފިނިހަނގުރާމައެއް ނެތެވެ. ސޯވިއެޓް ޔޫނިއަނެއްވެސް ނެތެވެ. މިއަދު އެމަގާމުގައި އޮތީ ރަޝިޔާއެވެ. ޔުކްރޭނުގައި މިއަދު ހިނގަމުން އެދާ ހަނގުރާމައިގެ ސިއްރަކީ ނޭޓޯ ޖަމާއަތް ފުޅާކުރަމުން ކުރަމުންގޮސް ރަޝިޔާގެ އިމުގައި ނޭޓޯގެ ލަޝްކަރުތައް ރުކުރުވައިލުމެވެ. ނޭޓޯ ޖަމާއަތުގައި ޔުކްރޭނުވެސް ބައިވެރިކުރަން ނިންމައި ރަޝިޔާއަށް ހަމަނޭވާލެވޭނެ ދޮރުތައް ބަންދުކުރުމެވެ. ދެރަވަރު ނިކަމެތި ގައުމުތަކާ ޖައްސާލީމާ އޭގެ ނަތީޖާ ނުފެނުނަސް ބޮޑެތި ބާރުތަކާ ޖައްސާލީމާ ނަތީޖާ ފެންނާނެތާއެވެ. ޔުކްރޭނުގެ ހަނގުރާމައަކީ އޭގެ ނަތީޖާއެވެ. އަދިވެސް އެކަހަލަ ކިތަންމެ ކުރިމަތިލުމެއް ފެނިގެންދިޔުން ވަރަށް ކައިރިއެވެ.

މައްސަލަތައް ހައްލުކުރުމުގެ ފޯމިއުލާއަކީ ސަބަބުތައް ދެނެގަނެ އެ ސަބަބުތައް ނައްތާލުމެވެ. ޔުކްރޭނުގެ ސަބަބުން ޔޫރަޕުގައި އުފެދިފައިވާ މައްސަލަވެސް ހައްލުވާނީ އެ ސަބަބުތައް ނައްތާލައިގެންނެވެ. ކުރީންވެސް ދެންނެވިފަދައިން މި މައްސަލައިގެ ސަބަބަކީ ރަޝިޔާއަށް ކުރިމަތިވި ސަލާމަތީ ގޮންޖެހުންތަކެވެ. ނޭޓޯގެ ސިފައިންނާއި ހަތިޔާރު ރަޝިޔާގެ ބޯޑަރަށް ޖަމާކުރުމެވެ. މި މައްސަލަ ހައްލުކުރާނޭ ގޮތެއް ކަމަށް ނޭޓޯއަށް މިފެނުނީ އަނެއްކާވެސް އިތުރު ގައުމުތައް ނޭޓޯއަށް ވައްދައި ނޭޓޯގެ ލަޝްކަރު ބޮޑުކުރުމެވެ. މިއީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ. އަލަށް ނޭޓޯއަށް ވެއްދުމަށް ހަމަޖެހުނު ދެ ގައުމަކީވެސް ރަޝިޔާއާ އިންވެގެންވާ ގައުމުތަކެވެ. ނޭޓޯގައި ބައިވެރިވުމަކީ މި ދެގައުމުކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާންއޮތް ކަމެއްވެސް ނޫނެވެ.

ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ފިނިހަނގުރާމައިގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ ދުވަސްވަރުވެސް ފިންލެންޑާއި ސުވިޑަނުން ނޭޓޯގައި ބައިވެރިއެއް ނުވެއެވެ. ނޭޓޯގައި ބައިވެރި ނުވުމަކުން އެދެގައުމަށް ލިބުނު ދެރައެއް ކުރިމަތިވި ގެއްލުމެއް ނުރައްކަލެއް ނެތެވެ. ލިބުނިއްޔާ ލިބުނީ ފައިދާއެކެވެ. އެހެނީ އެ ދެގައުމުންވެސް ދިފާއީ ކަންކަމަށް ކުރި ހޭދަ އޮތީ ޖީޑީޕީގެ ނިސްބަތުން ދޮޅުޕަސަންޓަށްވުރެ ތިރީގައެވެ. ގައުމީ ތަރައްގީގެ އެހެން ކަންކަމަށް ހޭދަކުރާނެ ފައިސާ ރައްކާކުރެވެއެވެ. ނޭޓޯގައި ބައިވެރިވީމާ އެކަން ނިމުމަކަށް އަންނާނެއެވެ. ނޭޓޯގެ މަރުކަޒުތަކާއި ހަތިޔާރާއި ސިފައިން އެތަންތަނުގައި ރުކުރުވައިލާނެއެވެ. މިއަށް ރައްދުދޭން ރަޝިޔާއިންވެސް ސަފުތައް ރުކުރުވައިލާނެއެވެ. ނަތީޖާއަކަށްވާނީ ދިފާއަށް ކުރަންޖެހޭ ހޭދަ އެންމެ ކުޑަވެގެންވެސް ދެގުނަ މަތިވެގެން ދިއުމެވެ. 

ފިންލެންޑަކީ ޔުކްރޭނަށްފަހު ރަޝިޔާއާ އެންމެ ދިގު ބޯޑަރެއް ހިއްސާކުރާ ގައުމެވެ. ފިންލެންޑާއި ރަޝިޔާގެ ބޯޑަރު ގާތްގަޑަކަށް 1300 ކިލޯމީޓަރަށް ދެމިގެންދެއެވެ. ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓާރސްބާގް އޮތީ ފިންލެންޑާ 400 ކިލޯމީޓަރު ކައިރީގައެވެ. އެހެންވީމާ ނޭޓޯ ޖަމާއަތުގައި ފިންލެންޑް ބައިވެރިވެ ނޭޓޯގެ ހަތިޔާރާއި ސިފައިން ފިންލެންޑުގައި ރުކުރުވައިލުމަކީ ރަޝިޔާއިން އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫނެވެ. ދޫކުރެވޭނެ ކަމެއްވެސް ނޫނެވެ. ރަޝިޔާއިން ކުރުން އެންމެ ކައިރި ކަމަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށް ބެލެހެއްޓުން ވަރުގަދަކުރުމެވެ. ނޭޓޯއަށް ފާރަވެރިވުން އިތުރުކުރުމެވެ. މިދެންނެވި ބީދައިން އަސްކަރީ ހަރަކާތްތައް އިތުރުވުމަކީ ފިންލެންޑަށް ފައިދާއެއްވިއްޔާ ފައިދާއެކެވެ. ގެއްލުމެއްވިއްޔާ ގެއްލުމެކެވެ.

ސްޕޭނުގެ މެޑްރިޑުގައި މިފަހަރު ބޭއްވުނު ނޭޓޯގެ އެންމެ އިސްވެެރީންގެ ސަމިޓުގައި ބައިވެރިވީ ހަމައެކަނި ނޭޓޯގެ މެންބަރު ގައުމުތަކުގެ ވެރީންނެއް ނޫނެވެ. އޮސްޓްރޭލިޔާ، ނިއުޒީލެންޑް، ޖަޕާން އަދި ދެކުނު ކޮރެޔާގެ ވެރީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިކަމުން ދޭހަވި އެއްޗަކީ އޭޝިޔާ އާއި ޕެސިފިކަށްވެސް ނޭޓޯ ފުޅާކުރުމުގެ ވިސްނުން ފައިދާވެއްޖެކަމެވެ. ނޭޓޯގެ ދެވަނަ އަމާޒަކަށް ސީދާގޮތުންނާއި ނުސީދާގޮތުން ޗައިނާވެސް ހަދައިފިކަމެވެ. ނޭޓޯގެ ނަމުގައި އުފައްދާފައިވާ އައްޑަނަ މުޅި ދުނިޔެއަށް ފުޅާކުރުމަށް ގަސްތުކޮށްފިކަމެވެ. މިއީ އަނެއްކާވެސް އައު ނުރައްކަލެކެވެ. ޗައިނާއާ ދިމާކުރުމުގެ ގޮތުން ޗައިނާގެ އަވަށްޓެރި ގައުމުތައް މި އައްޑަނައިގައި ބައިވެރިކުރީމާ ޗައިނާއިން އަމަލްކުރާނީ ކޮންގޮތަކަށް ބާވައެވެ؟ ގައިމުވެސް މަރުހަބާއެއް ނުކިޔާނެއެވެ. އެކަން ޔަގީނެވެ.