އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ގެމަނަފުއްޓަށް ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ، ގެމަނަފުއްޓަށް މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކުގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ގެމަނަފުށީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަން އޮފިސާ (ސީއެމްއޯ) ހުސެއިން ނިޔާޒު ވިދާޅުވީ، ގެމަނަފުށީގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"ފައިބަ ސުޕަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަދު އަޅުގަނޑުމެން މިވަނީ ގއ. ގެމަނަފުއްޓަށް ވަރަށް ހާއްސަ އޮފާއަކާއެކު މި ހިދުމަތް ތައާރަފްކޮށްފަ. މި ހާއްސަ އޮފާގެ ދަށުން ފައިބާ ސުޕަނެޓް ނަގާ ފަރާތްތަކަށް ފުރަތަމަ ތިން މަހުގައި މުޅިއަކު 300 ޖީބީ މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ. އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް، ފައިބަ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް،" ނިޔާޒް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އޭގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖު އިންކްލޫސިވް ޑޭޓާއަށް އިތުރުވެގެންދާނެއެވެ.