ޚަބަރު

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

މުހައްމަދު އިޝާން

ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާއާއެކު ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ މިއަދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެމްބަރުންނާއި ނޫސްވެރިން ވަނީ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.

އެ ބިލާ ގުޅޭގޮތުން ނޫސްވެރިންނާއި އެމްޖޭއޭގެ މައިގަނޑު ކަންބޮޑުވުމަކީ، މަސްދަރު ހާމަ ކުރަން ޖެހޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައިވާ "ގައުމީ ސަލާމަތަށް ނުރައްކާވުން" ފުޅާ ދާއިރާއެއްގައި މާނަކުރުމުގެ ފުރުސަތު އޮތުމެވެ. އެއީ އެއިރަކު އޮންނަ ސަރުކާރަކަށް ނުރައްކާވާ ކޮންމެ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތުމެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެ ބިލު އެޖެންޑާކޮށްފައި ވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނި ކުރުމަށް އެމްޖޭއޭއިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަންކަމަށް ރިއާޔަތް ކުރުމެއް ނެތިއެވެ. މަޖިލިސް މިއަދު ޗުއްޓީއަށް ދިއުމުގެ ކުރިން ބިލު ފާސްކުރުމުގެ ބަދަލުގައި މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާއަށް ހައްލެއް ހޯދުމަށްފަހު، މި ބިލު ފާސްކުރަން ލަސްކޮށްދޭން އެމްޖޭއޭން އޮތީ މަޖިލީހަށް މިއަދު ސިޓީއެއް ވެސް ފޮނުވައިފައެވެ.

އެމްޖޭއޭއިން ހުށަހެޅި ކަރުދާހުގައި ހިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި "ގައުމީ ސަލާމަތަށް ނުރައްކާވުން" އުނިކުރުމަށް ވަނީ އެދިފައެވެ. އޭގެ ބަދަލުގައި ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްތައް ވަކިން އެ ބިލުގައި ހިމެނުމަށް އެ ޖަމިއްޔާ އިން ވަނީ އެދިފައެވެ.

ނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއްނެތި މަޖިލީހުން މިއަދު ވަނީ އެ ބިލު ފާސްކޮށްފައެވެ. އެ ބިލު މަޖިލީހުން ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ.