ޚަބަރު

ނަޝީދު ވިދާޅުވީ, ހެއްކާ ބެހޭ ބިލުގެ ކަންބޮޑުވުމަށް މި ވަގުތަށް ހައްލެއް ނެތް ކަމަށް!

ރިފާ ހަލީލު

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލަށް ގެންނަން ނިންމާފައިވާ އިސްލާހާ ދެކޮޅަށް ނޫސްވެރިންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށާއި އެކަމަށް މިވަގުތައް ދެވޭނެ ހައްލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިސްލާހު ފާސްކުރުން މަޑުޖައްސާލަން އެދި ނޫސްވެރިން މަޖިލީހުގެ އިދާރާ ކައިރީގައި މިއަދު އިހުތިޖާޖު ކުރަމުންދަނިކޮށް އެތަނަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރިއަށް ދިޔައީ ސިއްރުން ނޫން ކަމަށާއި އަދި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހުށަހަޅާން އެކަށިގެންވާ މުއްދަތެއްވެސް ލިބުނު ކަމަށެވެ. ނަމަވެސް އެވަރަށް ނޫސްވެރިންނަށް މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަންޖެހޭނެ މިއީ ސިއްރުންނެއް ނޫން މިތަނުގައި މިކަން މި ކުރަނީކީއެއް. އަޅުގަނޑުމެން ފުރަތަމަ ކިޔުން ދެވަނަ ކިޔުން ތިންވަނަ ކިޔުން ހުށަހަޅައިގެން މިކަން ކުރިއަށް ދިޔަ ގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވަންޖެހޭނެ. އަޅުގަނޑަށް ޔަގީން އެއްވެސް މެމްބަރަކު ތިޔަބޭފުޅުންގެ ކޮންސާން އަޑުއަހަން ތައްޔާރަށް ތިބޭނެކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވުމުން އެތަނުގައި ތިބި ނޫސްވެރިން ވަނީ އަދިވެސް ވަގުތު އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ މިހާރު ވަގުތެއް ނެތް ކަމަށާއި މަޖިލީހުގެ ގަވާއިދާ ހިލާފުނުވެވޭނެ ކަމަށެވެ. އަދި ދެން އިތުރަކަށް ގެނެވޭނެ ހައްލެއް މިވަގުތު ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ކައިރީގައި އެ ވަގުތު ހުންނެވި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ހެއްކާ ބެހޭ ބިލު ކޮމިޓީން ފާސްކުރީ މަޝްވަރާތަކަކަށްފަހު ގިނަ އިސްލާހުތަކަކާއެކު ކަމަށެވެ. އަދި ނޫސްވެރިން އިތުރަށްވެސް އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށާއި ނަމަވެސް އެ އިސްލާހުތައް ލިބުނީ ތަންކޮޅެއް ލަހުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ނޫސްވެރިން ވަނީ އެ ބިލު މަޖިލީހަށް ހުށަހެޅި ހިސާބުން ފެށިގެންވެސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މީޑީއާ ކައުންސިލުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ބިލު ދިރާސާކުރި ކޮމިޓީއަށް ހާޒިރުވެ، ބިލު އިސްލާހުކުރަން އެދޭ ގޮތް ބުނެދީފައިވާނެ ކަމަށްވެސް ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.

އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.